މާލޭ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް ސަރުކާރަކަށް މަސައްކަތެއް ނުކޮށްދެވޭ: ނަޝީދު

ރައީސް ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ- އެމްޑީޕީ ޓުވީޓާ

ރޭގެ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ކެޕްމޭން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއަށް އާއްމު މެންބަރުން ނައި މައިގަނޑު ސަބަބަކީ މާލޭގެ ރައްޔިތުން ބޭނުންވާ ވަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަންކަން ނުކޮށްދެވުން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައިގެ އިތުރުން، މާލޭގެ އިމާތްރާތްކުރާ ތަންތަނުން ފެންބޭރުކުރުމަށް ހޮޅި އަޅާފައި ހުންނަ ހުރުމާއި، މަގުތަކުގެ ފެންހިންދުމަށް ދިމާވާ ދަތިތައް ފަދަ މައްސަލަތަކެއް ކަމަށޭވެ. އަދި މި މައްސަލަތަކަށް އެދެވިގެންވާ ހައްލެއް އަދިވެސް ލިބިފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވިކަމުގައި ވިޔަސް، އެމްޑީޕީއިން ހަމައެކަނި މާލެއިންވެސް 18 ގޮނޑި ކާމިޔާބު ކުރާނެކަމަށެވެ.

ޖަލްސާއަށް މަދުން މީހުން އައުމަކީ ލޯކަލް ކައުންސިލް އިންތިހާބު އެމްޑިޕީއަށް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނޫން ކަމަށާއި، މިހާތަނަށް އައި އެކި އިންތިހާބު ތަކަށް ބަލާއިރުވެސް ހަމައެކަނި މާލެއިން ބޮޑު ކާމިޔާބީތަކެއް އެމްޑީޕީން ހޯދާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ “އަސްލު ސައިޒު” ނުފެނުމުން މީހުންގެ ފާޑުކިޔުންތައް ވަނީ އެޕާޓީއަށް އަމާޒުވެފައެވެ.

ރޭ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މީގެކުރިން ބޭއްވި އެތައް ޖަލްސާތަކަށްވުރެ މަދެވެ. އެމްޑީޕީން ރޭ ޖަލްސާ ބޭއްވޭ މުޅި ރާއްޖޭގައި ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައެވެ. ރޭ ކާނިވަލުގައި އެޕާޓީގެ ޖަލްސާއަށް ގޮނޑި ޖަހާފައިވާ އަދަދަށް ބަލާލުމުން ހުދު ޖަލްސާ ތައްޔާރުކުރި ފަރާތްތަކުންވެސް ގަބޫލުކޮށްގެން ހުރީ އެޕާޓީގެ ޖަލްސާއަށް އާއްމުކޮށް މީހުން ވަންނާނެ ވަރަށް ވަންނާނެ ކަމަށެވެ.

ރޭގެ ޖަލްސާއަށް މީހުން ވަދެފައިވަނީ މިއިން ޒަމާނަކު އެމްޑީޕީގެ ޖަލްސާއަށް މީހުން ވަދެފައިވާ އަދަދަށްވުރެވެސް މަދުންނެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ފާޑު ކިޔާފައިވާ ބައެއް ފަރާތްތަކުން ބުނީ ރޭގެ ޖަލްސާއަށް ވަން މީހުންނަށްވުރެ އެމްޑީޕީގެ ހަރުގޭގައި ކަންމަތީ ބައްދަލުވުމެއް ބާއްވައިގެން އަންނަ މީހުން ވެސް މާ ގިނަ ކަމަށެވެ. ރޭގެ ޖަލްސާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެކެވެ.

ނަމަވެސް އެހާ ފިނި ތަރުހީބެއް މިކަމަށް ލިބިގެން ދިޔައީ ކީއްވެގެން ހެއްޔެވެ. ބައެއް މީހުން ބުނީ އެމްޑީޕީއަކީ އާއްމުކޮށް އެޕާޓީގެ ޖަލްސާތަކަށް ރަށްރަށުންވެސް މީހުން ގެންނަ ޕާޓީއެއް ކަމަށެވެ. އަދި ރޭގެ ޖަލްސާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށްދިޔަ ޖަލްސާއެއް ކަމުން ރަށްރަށުން މީހުން ނާންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.