ކައުންސިލް އިންތިހާބް އެމްޑީޕީއަށް ދިނުމަކީ ސެކިއުލަރިޒަމް ފެތުރުމަށް ދެވޭ ލައިސެންސްއެއް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ- ޑިފެންސް މިނިސްޓްރީ

ކައުންސިލް އިންތިހާބް އެމްޑީޕީއަށް ދިނުމަކީ ސެކިއުލަރިޒަމް ފެތުރުމަށް ދެވޭ ލައިސެންސްއެއްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ވޯޓުދީ އެ ޕާޓީއާ ކައުންސިލެއް ހަވާލުކުރުމަކީ “ޑްރެކިއުލާ” އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ އެއްވަރުގެ ކަމެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ނެވެ.

އެއަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑްރެކިއުލާގެ ނުރައްކާ އެންމެ ބޮޑީ މިހާރު ކަމަށާއި، އަދި އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ދިނުމަކީ ސެކިއުލަރިޒަމް ފެތުރުމަށް ދެވޭ ލައިސަންސެއްކަމަށެވެ. މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރު ތިބީކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭގޮތަށް ނޫން ކަމަށެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެޕްމޭން އިފްތިތާހުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދިނުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނަޝީދު ވިދާޅުވީ މިހާރު ހަގީގަތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައް ނިމި، އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ ނ. ކުޑަފަރީ ކައުންސިލުގެ ރައީސްގެ ގޮނޑިއާއެކު ތިން ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައިވާތީއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަކީ އެމްޑީޕީ ޕްރައިމަރީ ކަމަށާއި، އެ އިންތިހާބު ނިމުމުން ކައުންސިލް އިންތިހާބު ހަގީގަތުގައި ނިމިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުޑަފަރީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިއެއް ވެސް އެމްޑީޕީއަށް ކާމިޔާބު ވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިން ކައުންސިލަކަށް ކުރިމަތިލައްވައިގެން އުޅެނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ބައިވެރިވެވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.