އެމްޑީޕީގެ “އަސްލު ސައިޒު” ރޭގެ ޖަލްސާއިން ނުފެނުނު، ކީއްވެ؟

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ހުސް ގޮނޑިތައް ފެންނަން: ފޮޓޯ / ސޯޝަލް މީޑިއާ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ “އަސްލު ސައިޒު” ނުފެނުމުން މީންގެ ފާޑުކިޔުން އެޕާޓީއަށް އަމާޒުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މީގެކުރިން ބޭއްވި އެތައް ޖަލްސާތަކަށްވުރެ މަދެވެ. އެމްޑީޕީން ރޭ ޖަލްސާ ބޭއްވޭ މުޅި ރާއްޖޭގައި ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައެވެ. ރޭ ކާނިވަލުގައި އެޕާޓީގެ ޖަލްސާއަށް ގޮނޑި ޖަހާފައިވާ އަދަދަށް ބަލާލުމުން ހުދު ޖަލްސާ ތައްޔާރުކުރި ފަރާތްތަކުންވެސް ގަބޫލުކޮށްގެން ހުރީ އެޕާޓީގެ ޖަލްސާއަށް އާއްމުކޮށް މީހުން ވަންނާނެ ވަރަށް ވަންނާނެ ކަމަށެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ރޭގެ ޖަލްސާއަށް މީހުން ވަދެފައިވަނީ މިއިން ޒަމާނަކު އެމްޑީޕީގެ ޖަލްސާއަށް މީހުން ވަދެފައިވާ އަދަދަށްވުރެވެސް މަދުންނެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ފާޑު ކިޔާފައިވާ ބައެއް ފަރާތްތަކުން ބުނީ ރޭގެ ޖަލްސާއަށް ވަން މީހުންނަށްވުރެ އެމްޑީޕީގެ ހަރުގޭގައި ކަންމަތީ ބައްދަލުވުމެއް ބާއްވައިގެން އަންނަ މީހުން ވެސް މާ ގިނަ ކަމަށެވެ. ރޭގެ ޖަލްސާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެކެވެ. ނަމަވެސް އެހާ ފިނި ތަރުހީބެއް މިކަމަށް ލިބިގެން ދިޔައީ ކީއްވެގެން ހެއްޔެވެ. ބައެއް މީހުން ބުނީ އެމްޑީޕީއަކީ އާއްމުކޮށް އެޕާޓީގެ ޖަލްސާތަކަށް ރަށްރަށުންވެސް މީހުން ގެންނަ ޕާޓީއެއް ކަމަށެވެ. އަދި ރޭގެ ޖަލްސާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށްދިޔަ ޖަލްސާއެއް ކަމުން ރަށްރަށުން މީހުން ނާންނަ ކަމަށެވެ.

އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ހުސް ގޮނޑިތައް– ފޮޓޯ / ސޯޝަލް މީޑިއާ

 

ރެއަކީ މާލެއަށް މޫސުން އެހާ ރަނގަޅު ރެއެއް ނޫނެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނީ ރޭ އެމްޑީޕީގެ ޖަލްސާ ފެށުމުގެ ކުރިން ބޯކޮށް މާލެ އަށް ވާރޭ ވެހުމުގެ ސަބަބުން އެޕާޓީގެ ޖަލްސާގައި ބައިވެރިވުމަށް ދާނެ މީހުން ނުވީ ކަމަށެވެ. ނަމަވެސް އެންމެނަށްވެސް އެނގޭ ހަގީގަތީ އެމްޑީޕީގެ އާއްމު މެންބަރުންނަކީ އަތްވަކަށް ވާރެއަކަށް ބަލާ ބައެއް ނޫން ކަމެވެ.

އެއް ބަޔަކު ބުނަމުން އަންނަނީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ގާތުގައިވީ ވައުދުތައް “ހޮޅި”އަށް ވެގެން ދިއުމުން އެމްޑީޕީގެ މަތިން ރައްޔިތުން ފޫހިވީ ކަމަށެވެ. އަދި ސަރުކާރުން ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުންގާތުގައި ސަޅި ބައިސާތައް ކަނޑާ ކަމަށާއި ކަންކަން ނުވާ ކަމަށްވާ ނަމަ އެއީ އެމްޑީޕީވިއަސް ޕީޕީއެމްވިއަސް ރައްޔިތުން ފޫހިވާނެ ކަމަށެވެ.

ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރައްޔިތުންނަކީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ފަސްނުޖެހި ކުރިއަށްދާ ބައެއް ކަމަށެވެ. އަދި އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތް ކަމަށެވެ.

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާފައި މިވަނީ ދުވަސްތަކަކަށްފަހުއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އާއްމު ގޮތެއްގައި ގިނަ ޖަލްސާތަކެއް ބާއްވާ އެމްޑީޕީން ދަމަކުން ބަޑިއެއް ޖަހާލާ އުސޫލުން ޖަލްސާއެއް ބާއްވާތީ މެންބަރުންވެސް އެކަމުގައި އެހާ ޖޯޝެއް ނުހުންނަނީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.