ރައީސް ޔާމީން އަދިވެސް އައިޖީއެމްއެޗުގައި، އެޑްމިޓްކޮށްފައި ވަނީ ހިތުގެ ޓެސްޓުތަކެއް ހެދުމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދިވެސް އޮންނެވީ އައިޖީއެމްއެޗުގައި ކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ބުނީ ރައީސް ޔާމީން އެޑްމިޓު ކޮށްފައިވަނީ ހިތުގެ ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ. އަދި އެ ޓެސްޓުތައް އަދި ހަދާ ނުނިމޭ ކަމަށެވެ. ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ޔާމީން އެޑްމިޓް ކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްއެއް ނޫނެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ހިތުގެ ބަލި ހުރި ކަމަށް ވިދާޅުވެފައެވެ. އަދި އެ ބައްޔަށް ރާއްޖެއިން އިތުރަށް ތަހުލީލު ހެދެން ނެތުމުން ރާއްޖެއިން ބޭރަށް އެމަނިކުފާނުގެ ދިއުމުގެ ހުއްދައަކަށްވެސް އެ ދުވަހު އެމަނިކުފާނު އެދިވަޑައިގަތެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށް ކޯޓުން ހުކުމްކުރީ ވެސް އެ ދެންނެވި ހާލަތަށް ބައްލަވާފަ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އޭގެ ފަހުން ރައީސް ޔާމީން ގެންދެވީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބައްލަވާ ޑޮކްޓަރު ރިކޮމަންޑް ކުރައްވާފައި ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން ކަމަށެވެ. ހުދު އެމަނިކުފާނުވެސް ބޭނުންފުޅުވަނީ ހިތުގެ މައްސަލަ އެއްކަމުން ވީ އެންމެ ރަނގަޅު ފަރުވާ އެއް ބޭރުން ހޯއްދަވަން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ހައިކޯޓުން އެމަނިކުފާނުގެ ޝަރީއަތް ނިންމާ ހުކުމް ކުރެއްވިއިރު އެމަނިކުފާނު އެދިލެއްވި އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އެދުނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދެއްވުމަށެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ ކަފާލާތު ދެވެން ނެތް ކަމަށް ބުނެ ހުކުމް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.