މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ކައުންސިލްތަކެއް ބޭނުންވޭ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / އެމްޑީޕީ

ސަރުކާރުން ރާއްޖޭގައި ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރަށް އެހީވުމަށް އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ކައުންސިލްތަކެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ސަރުކާރުން 500އަށްވުރެ ގިނަ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ހިއްސާ ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަޝްރޫއުތައް ކުރިޔަށް ގެންދެވޭނީ ކައުންސިލްތަކުގެ ފުރިހަމަ މަސައްކަތާއި އެކުގައި ކަމަށެވެ.

“މި މަޝްރޫއުތައް ފުރިހަމަ ގެންދެވޭނީ ކައުންސިލްތަކުގެ މަސައްކަތުން. އެހެން ނޫނީ މި މަޝްރޫއުތަކެއް ފުރިހަމަ ގޮތުގައި ނުގެންދެވޭނެ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ގާތުގައި ވީ އެންމެ މުހިއްމު ވައުދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ބާރުތައް އިޔާދަކޮށްދިނުން ކަމަށާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކުގައި އެ ބާރުތަކާއި އިތުރު އެހެން ބާރުތަކާއި އެކުގައި އެކަން ސަރުކާރަށް އިޔާދަކޮށްދެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތީ އެ ބަދަލުތައް ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށެވެ. އަދި ބަދަލުތައް ތަންފީޒު ކުރެވޭނީ އެމްޑީޕީގެ ފިކުރުގައި ތިބި އެޕާޓީގެ ކައުންސިލަރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ރަށް ރަށުގެ ކައުންސިލްތަކުން، ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. ރައީސް ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލަށް ފަހު ކައުންސިލްތައް ބާރުވެރިވެފައިވާ ކަމަށާއި، އަންހެނުން ވެސް ބާރުވެރި ކުރެވިފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި މި އިންތިހާބަށް ފަހު ދެން ކައުންސިލް އިންތިހާބެއް ރައްޔިތުންނާއި ބައްދަލުކުރާނީ ފަސް އަހަރު ފަހުން ކަމުން، ހެޔޮ ބަދަލެއް ގެނެވޭނެ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.