ޒުވާނުން އިނގިރޭސިބަހުން ވާހަކަދައްކާތީ ކަންބޮޑުވޭ: ޔުމްނާ

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން: ފޮޓޯ / އަވަސް

މިއަދުގެ ޒުވާނުންނާއި ކުޑަކުދިންވެސް ވާހަކަދައްކަނީ މުޅިންވެސް އިނގިރޭސި ބަހުން ކަމަށާއި އެއީ ދިވެހި ބަހާއި މެދު ވިސްނާ ނަމަ ކަންބޮޑުވާވަރުގެ މައްސަލައެއް ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިިނިސްޓަރު ޔުމްނާ ދެއްވި ހިތޯބުގައި ވިދާޅުވީ އިނގިރޭސި ބަހުން ކުދިން ވާހަކަ ދެއްކުމުގެ ސަބަބުން ދިވެހި ބަސް އުވިގެން ދިއުމަށް މަގުފަހިވާ ކަމަށެވެ. އަދި ބަހާއި މެދު ދެކެމުން އަންނަ ގޮތްވެސް އެކަމުގެ ސަބަބުން ބަދަލުވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މި ކަންކަން ބަދަލު ކުރެވޭނީ މައިންބަފައިން ފަރުވާތެރިކަމާއެކު ދަރީންނަށް ދިވެހިބަސް ދަސްކޮށްދީގެންކަން ފާހަގަކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވީ އެކަމަށް ގޭތެރެއިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށެވެ.

"ޅަފަތުގެ ތައުލީމުގައި ދިވެހިބަސް އުނގަންނައި ދެއްވުގެ ދައުރުތައް ފުޅާކުރައްވައިގެން. މުޖުތަމައުގައި ބަހަށް ހާއްސަ މަގާމު ކަށަވަރުކޮށްދީގެން،" ޔުމްނާގެ ހިތޯބުގައި ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ މުއްސަނދި ބަހުރުވަތަކެއް ލިބިފައިވާ ބަހެއް ކަމަށެވެ. އަދި ބަހުރުވަތަކަކީ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ހާއްސަ ސަގާފަތާއި ދިރިއުޅުން ދައްކައިދޭ މުހިންމު މާނަވީ ތަރިކައެއް ކަމަށެވެ. އެހެންކަމުން އެ ބަހުރުވަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޝިއާރުގެ ތަރުޖަމާއަކީ، "ސަރަހައްދީ އިމެއް ނެތި ބަސްބަސް" އެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާ އެރަށެއްގެ ބަހުން އާއްމު ދިރިއުޅުމުގައި ވާހަކަ ދެއްކުމަށް އިސްކަން ދިނުމަށް ގޮވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.