އިންޑިއާއާ ލަންކާ އިންވެސް ކޮވިޑްގެ އައު ވޭރިއަންޓު ފެނިއްޖެ

ސިރިންޖެއްގައި އޮމިކްރޮން ޖަހާފައި ---

އިންޑިއާއާ ސްރީލަންކާ އިން ކޮވިޑް19 ގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށް މިހާތަނަށް ބެލެވިފައިވާ އޮމިކްރޮން ވޭރިއަންޓު ފެނިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ އިން އެ ވޭރިއަންޓު ޖެހިފައި ތިބި ދެ މީހަކު ވަނީ ފެނިފައެވެ. އޮމިކްރޮން ވޭރިއަންޓު ޖެހިފައި ތިބި ދެ މީހުން ފެނުނު ނަމަވެސް، ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަކަށް އެގައުމުގެ ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮމިކްރޮން ވޭރިއަންޓު ފެނުނު ދެމީހުންގެ ތެރެއިން އެކަކުގެ އުމުރަކީ 66އެވެ. ދެވަނަ މީހާގެ އުމުރަކީ 46އެވެ. އެ ދެ މީހުންގެ ހަށިގަނޑުންވެސް ބަލީގެ އަލާމާތްތައް ކޮންމެވެސް މިންވަރަކަށް އެބަހުރި ކަމަށް ފެޑެރަލް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ދެ ކޭސް ވެސް ފެނިފައި ވަނީ ދެކުނު ކަރްނާޓަކާ ސްޓޭޓުންނެވެ.

އެ ސްޓޭޓުގެ ހެލްތު މިނިސްޓަރު ވިދާޅުވީ ބަލި ޖެހުނު ފުރަތަމަ މީހާ އަކީ އިންޑިއާގައި ހަފްތާއެއްހާ ދުވަހު މަޑުކުރި ސައުތު އެފްރިކާގެ ރައްޔިތެއްގެ ކޮންޓެކްޓެއް ކަމަށެވެ. އޭނާ އިންޑިއާ އިން ފުރައިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އޭނާގެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަލި ޖެހުނު ދެވަނަ މީހާއަކީ ފިޒިޝަނެކެވެ. އޭނާއަކީ މިފަހުގެ ތާރީހެއްގައި އެހެން ގައުމަކަށް ދަތުރު ކޮށްފައިވާ ފަރާތެއް ނޫން ކަމަށާއި އަދި އޭނާ ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހެއް ކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީ އިން މިއަދު ބުނީ އެގައުމުން ކޮވިޑްގެ އައު ވޭރިއަންޓު އޮމިކްރޮން ފެނިފައިވާ ކަމަށެވެ. ބަލި ޖެހިފައި ވަނީ ލަންކާގެ ރައްޔިތަކަށެވެ. ނަމަވެސް އޭނާ އަކީ ސައުތު އެފްރިކާ އިން އެނބުރި އައި މީހެއް ކަމަށްވެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ އާއްމުން ހާސް ނުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.