ބުލީގެ ޝިކާރައަކަށްވި ކުއޭޑަންއަށް އެހީވުމަށް ހަތަރުލައްކަ އަށްވުރެ ގިނަ ޑޮލަރު!

ބުލީގެ ޝިކާރައަކަށްވި ކުޖާ އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތް/ ފޮޓޯ- އެލައިޓް ރީޑާސް

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ކުޑަކުއްޖަކަށް ބުލީ ނުވަތަ ހަނގާ ކުރާ ވީޑިއޯއަކީ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ވީޑިއޯއެކެވެ. މި ކުއްޖާއަކީ އުމުރުން 9 އަހަރުގެ ކުއޭޑަން ބޭލްސް ނަމަކަށް ކިޔާ ކުއްޖަކެވެ. އެ ކުއްޖާއަކީ ޑްވޯފިޒަމް ނުވަތަ ހެދިބޮޑުވުމުގައި އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު އައިބުތަކެއް ހުރި ކުއްޖެކެވެ.

އެ ވީޑިއޯ ބެލުމަށްފަހު މަޝްހޫރު ކޮމޭޑިއަން ބްރެޑް ވިލިއަމްސް ވަނީ އެ ކުއްޖާއަށް އޮންލައިންކޮށް ފަންޑް ރެއިޒްކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށާފައެވެ. މި ފަންޑުން ލިބޭ ފައިސާ އެކުއްޖާއާއި ކުއްޖާގެ އާއިލާ ޑިސްނީލޭންޑަށް ދިއުމަށް ހަދިޔާ ކުރުމަށް ވިލިއަމްސް ވަނީ ނިންމާފައެވެ. އަދި އެ ފަންޑުން ބަކީވާ ފައިސާ ބުލީގެ ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކަށް ޑޮނޭޓްކުރާނެ ކަމަށް ވިލިއަމްސް ބުންޏެވެ.

އެ ކުއްޖާއަށް އެހީވުމުގެ ގޮތުން އޮންލައިންކޮށް ހުޅުވި ފަންޑަކަށް ހަދިޔާކޮށްފައިވާ ފައިސާގެ އަދަދު 449،680 ޑޮލަރަށްވަނީ އަރާފައެވެ.

މަޝްހޫރު ކޮމޭޑިއަން ބްރެޑް ވިލިއަމްސްއަކީ ޑްވާފިޒްމް [ހެދިބޮޑުވުމުގައި އުމުރުގެ އެހެން މީހުންނާއި އަޅާ ބަލާއިރު އައިބު ހުންނަ] މީހެކެވެ. އޭނާއަށް އެ ކުއްޖާގެ ވީޑިއޯ ފެނުމުން ވަގުތުން ވަނީ 'ގޯފަންޑްމީ" ގެ ކެމްޕެއިން ޕޭޖެއް ކުއޭޑެން [ބުލީގެ ޝިކާރައަކަށްވީ ކުއްޖާ]ގެ ނަންމަތީ ހަދާފައެވެ.

އެ ވީޑިއޯ ބެލުމަށްފަހު ވިލިއަމް ބުނީ، އެ ވީޑިއޯ ބަލާފަ ދެރަވި ކަމަށާއި، ކުއޭޑެންއަކީ ބާކީވެފައި ހުރި ކުއްޖެއް ނޫން ކަމަށެވެ. އޭނާއަކީވެސް މިހާރު ކުއޭޑެންގެ ރައްޓެއްސެއްކަން ފާހަގަކުރަމުން ވިލިއަމް ބުނީ ދުނިޔޭގެ އެތައް ހާސް މީހުންނަކީވެސް ކުއޭޑެންގެ ރައްޓެހިން ކަމަށާއި އަދި ކުއޭޑަން އަށް ހިތްވަރު ދިނުމަށް އެމީހުން ތެދުވެފައިވާ ކަމަށެވެ.

މި ކެމްފެއިނުގައި ވިލިއަމް ބުނެފައިވަނީ ބުލީ ކުރުމަކީ އެއްވެސް މީހަކު ތަހައްމަލް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. މި ކެމްޕެއިން މެދުވެރިކޮށް ކުއޭޑެންއަށް އަންގައިދޭން ބޭނުން ވަނީ އޭނާއަކީވެސް އެހެން މީހުން ފަދައިން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މީހެއް ކަމަށް ވިލިއަމް ބުންޏެވެ.

އެންއައިޓީވީއަށް ދިން އިންޓަވީއުއެއްގައި ވާހަކަ ދައްކަމުން ކުއޭޑަން ބުނީ، ބުލީގެ ޝިކާރައަކށްވެފައިވާ ކޮންމެ މީހަކުވެސް އަމިއްލަ ދިފާއުގައި ތެދުވެންޖެހޭ ކަމަށެވެ.

އެހެން ކުދިންނާ ތަފާތު އައިބުތަކެއް ހުރި އުމުރުން 9 އަހަރުގެ ކުއޭޑަން ވަނީ ކޮންމެ ދުވަހަކުހެން ބުލީގެ ޝިކާރައަކަށް ވެފައެވެ. އޭނާގެ މަންމަ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ވަނީ އެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރިކަން ދުނިޔެއަށް ހިއްސާކޮށްފައެވެ.

އެއީ ކުއޭޑަން ހެދި ބޮޑު ވުމުގައި ހުރި އައިބުތަކަށް ސްކޫލްގެ އެހެނިހެން ކުދިން މަލާމަތްކޮށް، ފުރައްސާރަކޮސް އޭނާއަށް ކޮންމެ ދުވަހަކު ހެން ބުލީ ކުރުމުގެ ސަބަބުން އެކުއްޖާއަށް ކުރަމުން ދިޔަ ނޭދެވޭ އަސަރު ދައްކުވައިދިން ވީޑިއޯއެކެވެ.

އޭނާގެ މަންމަ ބުނި ގޮތުގައި އެފަދަ ވީޑިއޯއެއް އާންމުކުރަން ޖެހުނީވެސް ބުލީގެ މައްސަލަ ހައްދު ފަހަނައަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އެ ވީޑިއޯގައި އެ ކުއްޖާގެ އުދާސްތައް ބޭރުކުރަމުން، އޭނާގެ މަންމައަށް އާދޭސްކޮށްފައި ބުނެފައިވަނީ އަމިއްލައަށް މަރުވާން ބޭނުންވާ ކަމަށެވެ.

މި ވީޑިއޯއިން ވަރަށް ގިނަ ބައެއްގެ ހިތްތަކަށް ވަނީ އަސަރުކޮށްފައެވެ. މިއަދު ދުނިޔޭގެ ގިނަ މީހުން ތިބީ އެ ކުޑަ ކުއޭޑަން އާއި އެއްކޮޅަށެވެ.

Leave a Reply

Your email address will not be published. Required fields are marked *