149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަލުން މުރާޖާ ކުރުމަށް މަޖިލީހުން ފާސްކޮށްފި

149 ކިލޯގެ މަސްތުވާތަކެތި ---

ގދ. އަތޮޅުގެ ފަޅުރަށަކުން 2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 29ވަނަ ދުވަހު ވަޅުލާފައިހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެއްޗާއި ގުޅޭގޮތުން ދައުވާ ކުރެވުނު މީހުންގެ މައްސަލަތައް ގދ. ގައްދޫގެ ކޯޓުން ބޭރުކޮއްލި މައްސަލަ އަލުން މުރާޖާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ދެންނެވުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ފާސްކޮށްފައިވާ ރިޕޯޓު މަޖިލިސް ޖަލްސާގައި ފާސްކޮށްފިއެވެ.

މިހާރު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ވޯޓުގައި އެ ރިޕޯޓު ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.

އެ ރިޕޯޓުގައި ވަނީ އެ 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ޕީޖީ އަލުން މުރާޖަޢާ ކުރެއްވުމަށް ފެންނަ ކަމަށާއި، ތަޙްޤީޤުގައި ނުވަތަ ޝަރީޢަތަށް ހުށަހެޅުމުގައި އިތުރަށް ފުރިހަމަކުރަން ކަމެއްވާނަމަ އެކަމެއް ފުރިހަމަކުރެއްވުމަށް ފެންނަކަމަށާއި، ޓްރަޔަލް ކޯޓުގައި އަލުން ދަޢުވާ ހުށަހެޅުއްވުމާމެދު ގޮތެއް ކަނޑައެޅުއްވުމަށް ފެންނަކަމަށް ޕީޖީ އަށް ދަންނަވާފައެވެ.

މި މައްސަލައިގައި ކްރައިމް ސީނަށް ދިޔަ ފުލުހުންނާއި، ތަޙްޤީޤު ހިންގި ފުލުހުން ޢަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓާނަލް ބެލުންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބެލުމަށް ފެންނަ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތާއި، ފުލުހުންގެ ޕްރޮޓޮކޯލްތަކާއި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖަތަކާ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޤަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަނެ، އެފަދައިން ޚިލާފުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އެ މައްސަލައިގައި ޕްރޮސިކިއުޓަރުން އަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓާނަލް ބެލުންތަކެއް ޕީޖީ ބެއްލެވުމަށް ފެންނަ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތާއި، ޕްރޮޓޮކޯލްތަކާއި ޕްރޮސިކިއުޓޯރިއަލް ގައިޑްލައިންތަކާ ޕްރޮސިކިއުޓަރުންގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ގަސްދުގައި ހިލާފުވެފައިވޭތޯ ދެނެގަތުމަށް ފެންނަކަމަށާއި، އެފަދައިން ހިލާފުވެފައިވާ ނަމަ އެގޮތަށް ހިލާފުވި ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވިކަމުގެ ދައުވާ ކުރެވުނެވެ. ދައުވާކުރި މީހުންގެ ތެރޭގައި ހިމެނެނީ ގއ. ކޮނޑޭ، ގަހާކޯޅިގޭ އަހުމަދު އަނީލް 34 އަހަރު، ގދ. ގައްދޫ، އެދުރުގޭ އަހުމަދު ހާމީމު 42 އަހަރު، ގއ. ކޮނޑޭ، ރޮމޭންސްގޭ ޝަފީޒް މުހައްމަދު، 35 އަހަރު އަދި ގއ. ނިލަންދޫ، ދިހްޝާންވިލާގޭ އަލީ ޝާކިރު 30 އަހަރުގެ އިތުރުން ގދ. ގައްދޫ، އެދުރުގޭ ޔާމިހް ހާލިދު، 23 އަހަރެވެ.

މީގެކުރިން މި މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް އެކޯޓުން ބުނީ މައްސަލަ ހުށަހަޅަން ޖެހޭނީ މަސްތުވާތަކެތި ފެނުނު ސަރަހައްދުގެ ކޯޓަކަށް ކަމަށެވެ. ގައްދޫ ކޯޓަށް ހުށަހެޅީ އެހެންވެގެންނެވެ.

ނަމަވެސް ގައްދޫ ކޯޓުން މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރުމަށް ގާނޫނުގައި ބުނެފައިވާ ދުވަސް ހަމަވުމުން ކަމަށް ބުނެއެވެ. ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފަށް ކޯޓު އަމުރަކާއި ނުލާ ގެތަކަށް ވަދެ މީހުނަ ހައްޔަރު ކުރުމަށްފަހުގައި ގާނޫނާ ޚިލާފަށް އެކުލަވައިލާ ހޯދާފައިވާ ހެކިތަކެއްގެ މައްޗަށް ކަމަށްވުމުން މި ދަޢުވާ ގދ. ގައްދޫގެ ކޯޓުން ބޭރު ކޮއްލީއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން އަންދާޒާ ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.