ކަށަވަރު ނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް ފުލުހުން އެދިއްޖެ

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން --

ސޯޝަލް މީޑިއާގައި ކަށަވަރު ނުވާ މައުލޫމާތު އާއްމުން ނުފެތުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އެފަދަ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ ނަމަ އެކަމަކީ އަދި ހާއްސަ ސަމާލު ކަމެއް ފުލުހުން ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާގައި ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް އާއްމުންގެ ފަރާތުން ފުލުހުން ވަނީ އެދިފައެވެ. ފުލުހުން މިފަދައިން ބުނި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިފަހަކަށް އައިސް ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ނަމާއި ފޮޓޯ ފަދަ ތަކެތި ކަށަވަރު ނުކޮށް ބައެއް ފަރާތްތަކުން އަންނަނީ ފަތުރަމުންނެވެ.

އެގޮތުން އިއްޔެ ވެސް ސޯޝަލް މީޑިއާގައި ސްކޫލެއްގައި ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއެވެ. އަދި އެކުއްޖާ އަށް ޖިންސީ ގޯނާކުރީ ކުޑަ އަންހެން ކުއްޖެއް ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްސީ)ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކު، އަންހެން ކުދިންތަކަކަށް ބިރު ދައްކައިގެން ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް އައުމާއެކު އެކަން އަންނަނީ ބަލަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.