ޖަމީލް ސަރުކާރަށް: ކޮމިޝަނެއް ހަދައިގެން ނޫނީ އެއްވެސް ކަމެއް ހައްލު ނުވަނީތޯ

ކުރީގެ ނާއިބު ރައީސް. ޑރ. މުހައްމަދު ޖަމީލް އަހުމަދު --

ކޮންމެ ކަމަކަށް ކޮމިޝަނެއް ހަދައިގެން ނޫނީ ސަރުކާރަށް އެއްވެސް ކަމެއް ހައްލު ނުވަނީތޯ ވިދާޅުވެ ކުރީގެ ނާއިބު ރައީސް. ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ ކަމަކަށް ދޭ ކެޕްސޫލެއް ފަދައިން ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދައިގެން ނޫނީ އެއްވެސް ކަމެއް ހައްލު ނުވަނީތޯ ސުވާލު އުފައްދާފައެވެ.

ކޮންމެ ކަމަކަށް ސަރުކާރުން ކޮމިޝަން އުފައްދާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ވަނީ މާލޭގެ ޓްރެފިކް މައްސަލައާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން އެންމެ ކުޑަ އުޖޫރައާ ވަޒީރުންގެ އަހުލާގީ މައްސަަަލައަކީ ސަރުކާރުން ކޮމިޝަންތައް އުފައްދާ އުސޫލުން ކޮމިޝަންތައް ހަދަން ޖެހިފައިވާ ކަންކަން ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޖަމީލްގެ އިތުރުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި އާދަމް ޝަރީފުވެސް ވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ބެލުމަށް ސަރުކާރުން ކޮމިޝަނެއް އުފެއްދުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިނިސްޓްރީތަކުގެ ޒިންމާ އަދާ ނުކުރެވި ފެއިލްވެގެން ދަނީ ކޮންމެ ކަމަކަށް ކޮމިޝަނެއް ހަދާތީ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައި ކަމަށެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގުތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވާއިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.