މިނިސްޓްރީތައް ފެއިލް ވަނީ ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދާތީ: އާދަމް ޝަރީފް

ސަރުކާރުގެ މިނިސްޓްރީތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާ ނުކުރެވި އެ މިނިސްޓްރީތައް ފެއިލް ވަނީ ކޮންމެ ކަމަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަނެއް އުފައްދާތީ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު ރޭ ރިޔާސީ ކޮމިޝަނެއް އުފެއްދުމުން އެކަމަށް ފާޑު ވިދާޅުވެ އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަތީޖާއާ ހަރަދަށް ބަލާނަމަ ރިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ބޭކާރު ކަމެއް ކަމަށެވެ. އާދަމް ޝަރީފު ވަނީ މަރު ކޮމިޝަން މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

"ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދާތީ މިނިސްޓްރީތަކުން ގާނޫނީ ޒިންމާ ނުނަގާ ފެއިލްވަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައި ކަމަށެވެ.

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި، ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގުތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. މީގެ އިތުރުން، ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވާއިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.

Leave a Reply

Your email address will not be published. Required fields are marked *