އަންހެނަކު ކިޑްނެޕްކޮށް ރޭޕުގެ ތުހުމަތު ކުރެވުނު ފުލުސް މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު: ފޮޓޯ / ސަން

ފުލުހުންގެ މުއައްސަސާގެ ކާރަކަށް އަންހެނަކު އަރުވާ އެ އަންހެން މީހާ ކިޑްނެޕު ކުރުމަށްފަހު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހަކު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލާގައި ސިވިލް ކޯޓާއި ހައިކޯޓުން ހުކުމްކުރީ އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

މި މައްސަލައަކީ 2010ވަނަ އަހަރު ހިނގާދިޔަ ހާދިސާއެކެވެ. އެ އަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު މާވެޔޮ މިސްކިތް ކައިރީގައި ހުރި އަންހެނަކު ގަދަަކަމުން ކާރަށް އަރުވާ ކިޑްނެޕުކުރިކޮށް ރޭޕްކުރި މައްސަލާގައި ވަޒީފާއިން ވަކޮށްފައިވަނީ ފިނިވާގެ ހއ. ކެލާ، ޕޮލިސް ކޯޕްރަލް އަލީ ނަޝީދުއެވެ. އެ މައްސަލައިގެ ތުހުމަތު ހަތަރު ފުލުހަކަށް ކުރިއެވެ. އެއީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ރިޝިފް ތޯހާ އާއި ޕޮލިސް ކޮންސްޓަބަލް ހުޝާމް ހަމީދު އާއި ޕޮލިސް ކޯޕްރަލް މުހައްމަދު ފަޔާޒްއެވެ.

އެ މައްސަލާގައި އަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2010ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ. މި މައްސަލާގައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ 2013ވަނަ އަހަރުއެވެ. އޭގެ 8 އަހަރުފަހުން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ނިންމީ މިއަދުއެވެ. މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި، ގުޅުންހުރި ގާނޫނުތަކާ ގަވާއިދުތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށް ނުފެންނަ ކަމަށެވެ.

އަދި ފުލުހުންގެ ވަޒީފާއިން އަލީ ނަޝީދު ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ފެންނަ ކަމަށެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިލާރްދާ އަދި ފަނޑިޔާރު ޝުޖޫން ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންކަމުން އަލީ ނަޝީދުގެ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލްކޮށްފައެވެ.

Leave a Reply

Your email address will not be published.