ހެލްތު މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކޮށްފި

ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުން ވަކިކުރި ހަދީޖާ (ކ): ފޮޓޯ/ ސަން

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއް ސަމަދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ހަދީޖާ މަގާމުން ވަކިކޮށްފައި ވަނީ އޭނާ އާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހުއެވެ.

ހަދީޖާ މަގާމުން ވަކި ކުރުމާއި އެކުގައި ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ހަދީޖާގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ނޫން އެހެންތަނަށް ބަދަލު ކުރުމާއި ބަދަލު ކުރަން އުޅުނު ކަމަށް ބުނެއެވެ. އަދި އެ މަސައްކަތް ހަދީޖާ ކުރީ ސިޔާސީ ނުފޫޒުން ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި ބުނާ ގޮތުން ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. ހަދީޖާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 25 ފެބްރުއަރީ 2015 ގައި ކަމުން، އޭނާ މަގާމުން ވަކިކޮށްފައި މިވަނީ، ވަޒީފާގެ މުއްދަތު ހަމަވާން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.