މަރުވެފައި އޮއްވާ ފެނުނު މީހާ، އާއިލާއަށް ހަބަރެއް ނުވާތާ ހަތަރު ދުވަސް

މީގެކުރިން މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހަކު ގެންދަނީ: ފޮޓޯ / ހަތާވީސް

މާލޭގެ މައްޗަންގޮޅީގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ އާއިލާ އަށް ހަބަރު ނުވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އާއިލާ އިން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މައްޗަންގޮޅި ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާތީ ފުލުހުންނަށް މިއަދުގެ 15:42 އެހާކަށްހާއިރު ރިޕޯޓެއް ލިބިގެން ގޮސް ބެލިއިރު މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. މަރުވެފައި އޮތް މީހާގެ އާއިލާގެ މީހަކާއި ހަވާލާދީ އެ ސަރަހައްދުގައި ހުރި "ހަތާވީސް"ގެ ނޫސްވެރިޔާ ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާ އާއިލާގެ އެއްވެސް މީހަކަށް ވެސް ހަބަރެއް ނުވާތާ ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނު ގެއަކީ ތިން ބުރިއަށް ހަދާފައި ހުރި ގެއެއް ކަމަށާއި މަރުވެފައި އޮތް މީހާ އޮތީ އެގޭގެ އެއްވަނަ ބުރީގައި ކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ. އަދި އެ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް އިން މިހާރު އެ ތަނުން ނަގައިގެން ވަނީ ގެންގޮސްފައެވެ. އެމީހާގެ ހަށިގަނޑުގައި އަނިޔާގެ އެއްވެސް ނިޝާނެއް ހުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެމީހާގެއްލުމީމައި އެގޭމީހުން ފުލުހަށް ކިއެއްވެ ތޯގޭމީހުންނާ ސުވާލުކުރަންޖެހެއެވެ

ހިޔާލު ދެއްވާ!

Your email address will not be published.