އެންމެ ކުޑަ އުޖޫރައަކަށް 6،400 ރުފިޔާ ދިނުމަށް ލަފާދީފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް / ފޮޓޯ- ރައީސް އޮފީސް

ދިވެހިރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6،400 ރުފިޔާ ދިނުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޔޫސުފްއަށް ލަފާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށް “މިހާރު” އޮންލައިނަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވަނީ މިނިމަމް ވޭޖު ބޯޑުން ކަނޑައަޅާފައިވާ މިންވަރު މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މަޖިލީހުގެ ލަފައެއް ހޯދަމުން ގެންދާ ކަމަށެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން މިހާރު ލަފާ ދީފައިވާ އަދަދަކީ އެބޯޑުން ގެންގުޅޭ މިންގަނޑުތަކުން ދީފައިވާ އަދަދެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެ އަދަދަކީ މުސާރަދޭން ތިބި ފަރާތްތަކަށް ދެވިދާނެ އަދަދެއްކަން ނުވަތަ ނޫންކަންވެސް ބަލަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާއިން ލަފާ އަރުވާފައިވަނީ ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،000 ރުފިޔާއާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

އެހެންނަމަވެސް މިހާރު ކަނޑައެޅިފައިވާ އަދަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދެވިދާނެ އުޖޫރައެއް ކަމާއިމެދު ކަންބޮޑުވުން އެބަހުރި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ކަނޑައެޅޭ އެންމެ ކުޑަ އުޖޫރައަކީ ދިނުމަށް ދަތިވާ ފަދަ އަދަދެއް ނަމަ، އެކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުޑަ އުޖޫރައަކީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމުގައި ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ އެންމެ ކުޑަ އުޖޫރައާއި “ލިވަބަލް ވޭޖު” ނުވަތަ ދިރިއުޅެވޭ ވަރުގެ އުޖޫރައަކީ ތަފާތު ދެމަފުހޫމެއް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދުތައް ހަމަޖެއްސޭ މިންވަރުގެ އުޖޫރައެއް ދިނުމަކީ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ލާޒިމު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅޭ މިންވަރަކީ އެންމެ ރަނގަޅު އަދަދު ނޫން ކަމަށްވާ ނަމަ ކޮންމެ ދެ އަހަރަކުން އެ އަދަދު މުރާޖާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެއްޖެނަމަ ދެ އަހަރު ނުވަނީސްވެސް އެ އަދަދު މުރާޖާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.