ލަންކާގައި ދިން ބޮމުގެ ހަމަލާގައި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާގެ ފުލުހުންތަކެއް/ ފޮޓޯ- ނޭޝަން އެންޑް ސްޓޭޓް

މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ސްރީލަންކާއަށް ދިން ބޮމުގައި ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާ އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މި ބޮމުގެ ހަމަލާގައި ލަންކާއިން 153 މީހަކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ.

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނާ ވިދާޅުވީ، އެހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނެ އެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެ 216 މީހުންގެ ތެރެއިން 153 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުއްދަތު ޖަހާފައި ކަމަށެވެ. އަދި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެމީހުން ހައްޔަރުކޮށްފައިވާ މުއްދަތެއް އެ މީޑިއާތަކުން ހާމައެއް ނުކުރެއެވެ.

ރޮހާނަ ވިދާޅުވި ގޮތުގައި އެހަމަލާތައް ތަހުގީގު ކުރުމުގައި އިންޓަޕޯލް އާއި އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ދަނީ އެހީވަމުންނެވެ.

އެގޮތުން ހައްޔަރުކުރެވިފައިވާ މީހުންނާއި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި އަދި މިކަމާ ގުޅުންހުރި ގްރޫޕްތަކާއި އޮތް ގުޅުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހައްދުފަހަނައެޅުމުގެ ކަންކަން ޕްރޮމޯޓް ކުރަމުންދާ ދެ މީހެއްގެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ރޯހަނާ ވިދާޅުވިއެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުންވެސް ހިމެނުނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.