ކޮރޯނާއަށް ޓެސްޓު ކުރެވޭނެ ގޮތް ރާއްޖޭގައި ހަމަޖައްސައިފި

ރާއްޖޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފި/ ފޮޓޯ- ހެލްތް މިނިސްޓްރީ

ޗައިނާ އިން ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ހެލްތު މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ކިޓްތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ. އަދި އެ ކިޓްތަކާ ހަވާލުވެެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ޑައިބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 10 ލެބޯރަޓޮރީ ޓެސްޓިންގް ކިޓްގެ ހަދިޔާ ކޮށްފައެވެ. މި ކިޓްތައް މެދުވެރިކޮށް ރާއްޖެއިން ކޮރޯނާ ވައިރަހަށް 1،000 ޓެސްޓް ހެދޭނެކަމަށް ހެލްތް މިނިސްޓްރިން ބުނެއެވެ.

އަދި މި ޓެސްޓް ކިޓް ތަކުގެ ނަތީޖާ އަވަހަށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މިއީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ރާއްޖޭގައި އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، ކޮރޯނާވައިރަހަށް މިއަދުން ފެށިގެން އައިޖީއެމްއެޗުގައި ޓެސްޓް ހެދޭނެ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ 10 ގަޑި އިރާއި، 12 ގަޑިއިރާއި ދޭތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.