ދިއްދޫއަށް އުފާވެރި ދުވަހެއް: ރާގޮނޑިން ގޮނޑުދޮއް ފުރާލައިފި

ހއ. ދިއްދޫ ގޮނޑޮދޮއް ރާގޮނޑިން ފުރާލާފައި: ފޮޓޯ / ދިއްދޫ އޮންލައިން

"އެންމެ ފުރަތަމަ ރާގޮނޑި އައިނެއް ވަދެގެން އުޅޭ ކަމުގެ ހަބަރު ލިބުމާއެކު މެންދުރެއްހާއިރު ރަށުގެ ބައެއް ރައްޔިތުން އެ ސަރަހައްދަށް ދިޔަ. އޭރު ވަރަށް ގަދަ އަށް ބޯކޮށް ވާރޭވެސް ދިޔައީ ވެހެމުން. އެކަމަކު އެ ވަން އައިނު އެއްގަމަކަށް ނޭރެވުނު. މީހުން މަދުކަމުން. އެ އައިނު އެތަނުން ގެއްލުނު،" ހއ. ދިއްދޫ ހުޅަނގު ފަރާތު ފަޅުތެރެ އަށް މިއަދު އެރި ރާގޮނޑި އައިނާ ގުޅޭ ގޮތުން ސުވާލު ކުރުމުން ދިއްދޫ ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވިއެވެ.

ދިއްދޫ ފަޅުތެރެއަށް ވަން ރާގޮނޑި އައިނު ހިފުމުގެ މަސައްކަތުގެ ތެރެއިން

ރަޝީދު ވިދާޅުވީ ފުރަތަމަ ހިފުނީ އެންމެ 50 ރާގޮނޑި ކަމަށެވެ. އަދި ވިދާޅުވީ އެ އައިނު ގެއްލުނު ނުދިއުމަށް ރަށުގެ ބަޔަކު މަސައްކަތް ވެސް ކުރި ކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ އައިނު ފަޅުން ބޭރަށް ދަނިކޮށް ރަށުގެ ރައްޔިތުން އެ އައިނު ފަޅު ތެރެއަށް ވެއްދި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ހއ. ދިއްދޫ ގޮނޑޮދޮއް ރާގޮނޑިން ފުރާލާފައި: ފޮޓޯ / ދިއްދޫ އޮންލައިން

ރަޝީދު ވިދާޅުވީ މިފަދަ މަންޒަރަކީ ދިއްދޫ އިން އާއްމު ގޮތެއްގައި ފެންނަ މަންޒަރެއް ނޫން ކަމަށެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ކޮންމެވެސް ވަރަކަށް މި މަންޒަރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއަދު ގާތްގަނޑަކަށް ދިއްދޫ ފަޅުތެރެ އަށް ވަން ރާގޮނޑި އައިނުން 9،000 ރާގޮނޑި ވަރު އެއްގަމަށް އެރުވި ކަމަށެވެ.

ދިއްދޫ ފަޅުތެރެއަށް ވަން ރާގޮނޑި އައިނުން ރާގޮނޑި ހިފުމުގައި އަންހެނުން ވެސް ބައިވެރިވަނީ: ފޮޓޯ / ދިއްދޫ އޮންލައިން

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރާގޮނޑި އައިނު އެއްގަމަށް އެރުވުމުގައި ކުޑައެއް ބޮޑެއް ނެތެވެ. ވަކި ޖިންސެއް ނެތެވެ. ދެޖިންސުގެ އެކި އުމުރުގެ މީހުން މަސްތައް ފަޅުން ނެގުމަށްފަހު އެއްގަމަށް އުކާ މަންޒަރެވެ. އެމަންޒަރު ބަލަން ވެސް އެތައް ބަޔަކު އެރަށުގެ ގޮނޑޮދޮށަށް ވަނީ އެއްވެފައެވެ. ދިއްދޫގެ ގޮނޑުދޮށް ވަނީ ރާގޮނޑިން ފުރާލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.