ސޯމާލިއާގެ ލަވައެއް މުޅި އިންޓަނެޓު "ފަތަހަ" ކުރަނީ

ނިމްކޯ "އިސީ ނަފްޓާ" ލަވަ ކިޔަނީ --

އާއްމު ގޮތެއްގައި ސޯމާލިއާގެ ހަބަރުތައް ނޫސްތަކަށް އަރަނީ އެގައުމުގެ މީހުން ކަނޑު ފޭރެން އުޅެނިކޮށް ހިފެހެއްޓި ވާހަކަ އާއި ނޫން ނަމަ އެގައުމުގެ ބަޔަކު ކަނޑުމަތީގައި ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކުރި ވާހަކައިންނެވެ. އެހެންނަމަވެސް މިފަހަރު ސޯމާލިއާގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާފައި މިވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ހަބަރާއެކު ސޯމާލިއާގެ ރައްޔިތުން މިއަދު ދަނީ އެކަން ފާހަގަވެސް ކުރަމުންނެވެ.

ސޯމާލިއާގެ އަންހެނެއް ކަމަށްވާ ނިމްކޯ ހެޕީ ނަމަކަށް ކިޔާ މީހަކު ކިޔާފައި ލަވައެއް މިއަދު މުޅި އިންޓަނެޓު ދަނީ ފަތަހަ ކުރަމުންނެވެ. "އިސީ ނަފްޓާ" ނުވަތަ "ގިވް މީ ލައިފް" ގެ ނަމުން މަޝްހޫރު ވެފައިވާ މި ލަވައަށް އެހާ ބޮޑު މަޝްހޫރު ކަމެއް ލިބިގެން ދިޔައީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "ޓިކްޓޮކް" އިންނެވެ. މިދިޔަ މަހު އެކަނިވެސް އެތައް މިލިއަން ބަޔަކު ވަނީ އެ ލަވައިގެ އަޑާއެކު އެތަކެއް ޓިކްޓޮކެއް ހަދައިފައެވެ.

އެ ލަވައިގެ މަޝްހޫރުކަން އިތުރަށް އެނގިގެން ދިޔައީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ވެސް އެ ލަވަ ބޭނުންކޮށްގެން ޓިކްޓޮކް ހެދުމުންނެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ރެޕަރެއް ކަމަށްވާ ކާޑީބީ ވެސް ވަނީ އެ ލަވަ ބޭނުން ކޮށްގެން ޓިކްޓޮކް ހަދައިފައެވެ. އަދި މަޝްހޫރު ކޮމޭޑިއާ ޓްރެވަ ނޯއާ ވެސް ވަނީ ޓިކްޓޮކްގައި އެ ލަވަ ބޭނުން ކޮށްގެން ޓިކްޓޮކް ހަދައިފައެވެ.

އެ ލަވަ ކިޔާފައިވާ ނިމްކޯ ބުނީ އޭނާ ކިޔާފައިވާ އެ ލަވައަށް އެހާ ބޮޑު މަޝްހޫރު ކަމެއް ލިބިގެން އުޅޭކަން އެނގިގެން ދިޔައީ މީގެ ހަފްތާއެއްވަރު ކުރިން ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ އަހަރެން ވެފައި މިހުރި އުފަލެއް ބުނެދޭކަށްވެސް. ވަރަށް ވަރަށް އުފާވެފައި މިހުރީ. އަހަރެންނަށް އިހުސާސް ކުރެވެނީ ދުނިޔެއަށް އަހަރެން މިއީ ކާކުކަން އެނގިއްޖެއޭ،" ބަޒްފީޑަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އެ ލަވަ ކިޔާފައި ވަނީ ހަތަރު ބަހުރުވައަކުންނެވެ. އެއީ ސޯމާލިއާ އިނގިރޭސި އާއި އަރަބި އަދި ސްވަހަލިންނެވެ. ސްވަހަލި ބަހުރުވައިން ވާހަކަ ދައްކާ ގައުމުތަކުގެ ތެރޭގައި ކެންޔާ، ޔުގެންޑާ ފަދަ ގައުމުތައް ހިމެނެއެވެ.

ނިމްކޯ އެލަވަ އެންމެ ފުރަތަމަ ކިޔާފައި ވަނީ 2015ވަނަ އަހަރުއެވެ. އޭގެފަހުން 2017ވަނަ އަހަރު އެލަވައިގެ ރިކޯޑިން އޭނާ ހެދިއެވެ. މިހާރު ވައިރަލް ވެގެން އުޅެނީ އެންމެ ފަހުން ރިކޯޑުކުރި ލަވައެވެ. އެ ލަވަ ވައިރަލް ވުމާއެކު އޭގެ އަސްލު ލަވަ އަޑު އެހުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޔޫޓިއުބުން އެލަވަ ބަލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.