ކޮވިޑް-19: ކްރޫޒް ލައިނާ އިން ވައިރަސް ޖެހުނު ދެމީހަކު މަރުވެއްޖެ

ޖަޕާނުގެ ޔޮކަހާމާގެ ބަނދަރުގައި ކަރަންޓީންކޮށްފައި އޮތް ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާ/ ފޮޓޯ- ސީއެންއޭ

ހަލުވި ކަމާއެކު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ޖެހިގެން ޖަޕާނުގެ ޔޮކަހާމާގެ ބަނދަރުގައި ކަރަންޓީންކޮށްފައި އޮތް ޑައިމަންޑް ޕްރިންސަސް ކްރޫޒް ލައިނާގައި ތިބި ދެ މީހަކު މަރުވެއްޖެކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފިއެވެ.

މަރުވެފައިވަނީ އުމުރުން 80 ގެ އަހަރުތަކުގެ ޖަޕާނުގެ ފިރިހެނަކާއި އަންހެނެކެވެ.

ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މި ކްރޫޒް ލައިނާއިންނެވެ. ހަމައެކަނި މި ކްރޫޒް ލައިނާއިންވެސް މިހާތަނަށް 621 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފައެވެ. މަރުވި ދެ މީހުން ޕަސިންޖާ ލައިނުން ބާލާފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެ ދެ މީހުން މަރުވީ ޖަޕާނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު ޑައިމަންޑް ޕްރިންސަސް ކަރަންޓީން ކުރީ އެ ބޯޓުން، ހޮން ކޮންގަށް ފޭބި ޕަސިންޖަރަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މި ކުރޫޒްލައިނާގައި ތިބި 3700 އެއްހާ މީހުން ވަނީ 2 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކަރަންޓީނު ކޮށްފައެވެ.

މިކުރޫޒްލައިނާގައި ތިބި މީހުން ޓެސްޓުކުރަން ފަށާފައި ވަނީ އެ ކްރޫޒްލައިނާއިން މިދިޔަ ޖަނަވަރީ މަހު ދަތުރުކުރި، އުމުރުން 80 އަހަރުގެ، ހޮންގްކޮންގްއަށް ނިސްބަތްވާ ފިރިހެނެއް، ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެން ނެވެ. އެމީހާ ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހޮންގްކޮންގްއަށް ފައިބާފައެވެ. އޭނާ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ އޭގެ ފަހުންނެވެ.

ޖަޕާނަކީ ޗައިނާއަށް ފަހު އެންމެ ގިނައިން މި ވައިރަހަށް މީހުން ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ ގައުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.