މިވީތަނަށް ދިވެހިންގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނީ އެމްޑީޕީން: ނިޒާރް

ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މިވީހާ ތަނަށް ދިވެހިންގެ ތުންތަފަށް ހިނިތުންވުމުގެ އަސަރެއްވިއްޔާ ގެނެސްދިން ޕާޓީއަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތު މީހާގެ އުއްމީދަށް ވައުދުވާން ކެރެނީ ހަމައެކަނި އެމްޑީޕީ އަށް ކަމަށާއި، ގާނޫނުގައި އެވާހަކަ ލިޔަންކެރެނީ ވެސް ހަމައެކަނި އެ ޕާޓީއަށް ކަމަށެވެ. އަދި ރައްޔިތުމީހާ އެދޭ ގޮތައް އެބަދަލު ކުރަންވެސް ކެރޭނެ ފިކުރަކީވެސް އެމްޑީޕީގެ ފިކުރު ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިފަދައިން ވިދާޅުވިއިރު ސީޕްލޭން ޓާމިނަލް މައްސަލާގައި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އޮތް އޮތުން ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން އެއްވެސް ވަރަކަށް ވަކި އޮޕަރޭޓަރަކަށް ފައިދާ ނުވާނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނީ އެމްއޭސީއެލްއަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެތަން ހިންގައިގެން ދައުލަތަށް އަހަރެއްގެ މައްޗަށް 33.7 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ދެ އަހަރު ފަހުން 47.3 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކަމުގައި ސަރުކާރާއި އެންމެ ފުރަތަމަވެސް ހަވާލުވެ ނިންމީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮަތަކަށް އެކަން ނިންމުން ކަމަށެވެ. އެގޮތުން ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް އެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ އެންމެ ފުރަތަމަ ވެރިކަމާއި ހަވާލުވުމަށްފަހު ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީފާއާ ބެހޭ ގާނޫނުގައި ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް އިސްލާހު ކުރުމަށް ހުށަހަޅާފައި އޮތުމުން އެކަމާއި މެދު ގިނަބަޔަކު ކަންބޮޑުވުންފާޅު ކުރުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެ އިސްލާހާއި މެދު އިތުރަށް ވިސްނާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *