ކުރީ ސަރުކާރުގެ ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް "ކޮށި" އަރާ މަންޒަރު ފެނުމުން ހިތާމަ ކުރަން

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީ ފެނި މިހާރުގެ ސަރުކާރުގެ ބޮޑެތި މިނިސްޓްރީތަކަށް "ކޮށި" އަރާ މަންޒަރު ފެނުމުން ހިތާމަ ކުރައްވާ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދޭނެ ކަމުގެ ޔަގީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓީއެމްއޭ އަށް ދެއްވި ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެއީ ފައްޔާޒު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. "ފިނިހަކަ" ދުވެލީގަ ސަރުކާރުގެ ފުރަތަމަ ހާފު ނިމުނު އިރުވެސް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި އަދި ކުރީ ސަރުކާރުގެ ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް "ކޮށި" އަރާ މަންޒަރު ފެނުމުން ހިތާމަކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ސީޕްލޭން ޓާމިނަލް ވަކި އަގަކަށް ބަޔަކަށް ދިނުމަށް ކުރީ ސަރުކާރަކުން އެމްއޭސީއެލް އަށް އަންގާފައި ނުވާނެ ކަމަށެވެ. ކުރީސަރުކާރުން ވާނީ މުޅިއެއާޕޯޓްގެ ތަރައްގީއަށް އެންމެ ޒަމާނީ ތަސައްވަރެއްކުރެހި، ފައިސާ ހޯދި، މަސައްކަތްފެށި، ބާރުސްޕީީޑު ގައި ކުރިއައް ގެންގޮސްފައި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވަޅުޖަހާފަ އޮތް އިގުތިސާދެއް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރޭޓްކޮށް އަަލުން އަނބުރާ އިތުބާރު ގާއިމްކޮށްފައި ވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް އިއްޔެ ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށުު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޓީއެމްއޭ ޓާމިނަލް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ފައްޔާޒް ނުދެއްވައެވެ.

އާ ސީޕްލޭން ޓާމިނަލު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސް، އެތަނުގެ ވިޔަފާރި ޕްލޭންތައް ހަދަމުން އައިސް، އެ މަޝްވަރާތަށް ރައީސް ޔާމީނުގެ ސަރުކާރުން އެމްއޭސީއެލާ އެކު ކުރިޔަށް ގެންދިޔަ އިރު، އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވީ ސައީދުއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ މެންބަރު ސައީދަށް ތުހުމަތުކުރައްވައި މިމޭރުުން ވާހަކަދައްކަވާފައެވެ. އިލްޔާސް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް 31000 ސްކޮޔަމީޓަރު ދިނުމަށް އެމްއޭސީއެލުން އެއްބަސްވެފަައި ވަނީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މަޝްވަރާ ކުރެވިގެން ކަމަށެވެ.

ނަމަވެސް މެންބަރު ސައީދު ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ. އިލްޔާސް ލަބީބުގެ ވާހަކަތަކަށް ރައްދު ދެއްވައި މެންބަރު ސައީދު ޓުވިޓާގައި ވިދާޅުވީ އިލްޔާސްގެ އެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *