ހަރުދަނާ މުޖުތަމައުތަކަށް ސިޔާސަތުތައް އަލުން އިޔާދަކުރެވޭނީ އެންމެން ގުޅިގެން: ޝާހިދު

އަށްވަނަ ވޯލްޑް އިންވެސްޓުމަންޓު ފޯރަމްގައި ޝާހިދު ވާހަކަދައްކަވަނީ ---

ޕޯސްޓް ޕެންޑެމިކް މުޖުތަމަޢުތައް އަލުން އާރާސްތުކޮށް، އުންމީދުތައް އާކޮށް، ފުދުންތެރި، ދެމެހެއްޓެނިވި އަދި ހަރުދަނާ މުޖުތަމަޢުތަކަށް ސިޔާސަތުތައް އަލުން އިޔާދަކުރެވޭނީ އެންމެން ގުޅިގެން ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

އަށްވަނަ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގެ މިއަހަރުގެ ޝިއާރު "ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް އިންވެސްޓްކުރުން" އެ ޝިއާރަކީ މިހާރަށް އެންމެ އެކަށީގެންވާ ޝިއާރު ކަމަށެވެ. ކޮވިޑް19 އިން އަރައިގަތުމުގެ ދިގު ރާސްތާގެ ފެށުން މުޅި ދުނިޔެ އިން ވެސް ފަށާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ވެސް ކުރިމަތިލަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އުދަގޫތަކެއް ކުރިމަތިވެފައިވާ ގައުމުތަކަށް އެ ބަލިމަޑުކަން ވެގެން ދިޔައީ ވަރަށް ބޮޑު ހީނަރު ކަމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ހީނަރުކަމުން އެހާ އަވަހަށް އަރައިގަނެވޭނެ ކަމުގެ އިޝާރާތެއް ނުފެންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ވެކްސިންގެ ދިނުމުގައި އުނދަގޫތަކެއް ހުރުމާއިއެކު މި ބަލިމަޑުކަން އިތުރަށް ދިގުލައި، ދަރަންޏާއި އެހެނިހެން ހުރަސްތަކެއް ހުރުމުގެ ސަބަބުން ހާއްސަ ހާލަތްތަކުގައި އޮތް ގައުމުތަކުގެ މެދުގައި ކުރިއެރުންތައް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން، ރިކަވަރީ ގެ މަސައްކަތް ހަގީގަތުގައި ފެށުމުގެ ކުރިންވެސް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް،" ޝާހިދު ވިދާޅުވިއެވެ.

އެމަނިުފާނު ވިދާޅުވީ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގައި ހައްލުކުރަންޖެހޭ ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ހުރި ހުރަސްތައް އެންމެ ފުރިހަމަގޮތުގައި ނައްތާލައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހީނަރުކަމުން އަރައިގަނެވޭނެގޮތް މަގުފަހިކޮށްދޭނީ ކިހިނެއްތޯ ކަމަށެވެ.

މި ފޯރަމަކީ، މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަން އިތުރުކޮށް، އިންވެސްޓްމަންޓް ތައް އަލުން ދިރުވައި، އިންވެސްޓްމަންޓްތައް އަލުން ކުރިއެރުވުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެއް ކަމަށް ވިދާޅުވެ ޝާހިދު ވަނީ އެ ފޯރަމްގައި ބަޔާންކޮށްފައިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ތިން ނުކުތާއެއް ފާހަގަ ކުރައްވާފައެވެ.

"ފުރަތަމަ ގޮންޖެހުމަކީ "އ.ދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ އިންވެސްޓްމަންޓް މޮބިލައިޒް ކުރުން". ބޭނުންވަނީ ފުޅާ ދާއިރާއެއްގައި، ހަމަހަމަ ކަމާއެކު އެންމެންނަށް އެއް ސްޕީޑެއްގައި ހިނގާ، ރިކަވަރީ އެއް – އެއްވެސް މީހަކު ބާކީ ކޮށްގެން ނުވާނެ،" ޝާހިދު ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ގްލޯބަލް ސްޓިމިއުލަސް ޕެކޭޖްތަކުގެ ސަބަބުން، ރައްޔިތުންގެ ފައިސާއިން 3.5 ޓްރިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައި ކަނޑައަޅާފައި އޮތް ނަމަވެސް، ޕްރައިވެޓް ސެކްޓަރަށް އެ ފަންޑުތަކުގެ ބޭނުން ހިފައި، އޭގެއިން ފައިދާކުރުވަނި ނަތީޖާ ދިހަ ގުނައަށް އިތުރުކުރެވިދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މިއާއެކު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓްގެ ތިންބައިކުޅަ އެއްބައި ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުށަހަޅާނެ ހިޔާލުތަކާއި ހައްލުތަކަށް އިންތިޒާރު ކުރަން. މި ހިޔާލުތައް އަލުން އަނބުރާ އާއްމު މަޖީލީހަށް ހުށަހަޅާނީ އެ ކަންކަމާމެދު ވިސްނައި، ފިޔަވަޅު އެޅުމަށް. ސިޔާސީ ައޒުމާއި، ގުޅިގެން މަސައްކަތްކޮށްގެން އެއްގޮތް ހައްލުތަކެއް ހޯދަން އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.