ވައުދުތަކުގެ 90 ޕަސެންޓު މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރެވެމުން: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ ގާތުގައި ވެވަޑައިގެންނެވި ވައުދުތަކާއި އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރިމަތިވި އެކި އިންތިހާބުތަކާއި ގުޅިގެން ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓު މަސައްކަތް އެކި މަރުހަލާތަކުގައި ކުރެވެމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތްތަކުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ހިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުން ކަމަށެވެ.

ރައީސް ސޯލިހު ރަސްދޫ އަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައި: ފޮޓޯ / ރައީސް އޮފީސް

އަދި ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ޝުއޫރުުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރު ކަމެއް އައި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު އަމާޒުވެފައި ހުރީ ރަނގަޅު މިސްރާބަށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު ރަސްދޫ އަށް ވަޑައިގަތުމުން އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައި: ފޮޓޯ / ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ފިލުވުމަށް އިތުރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަޝްރޫއު ޓެންޑާ ކުރުމަށް ހުޅުވާލާފައިވާ ކަމަށާއި، ބަނދަރުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި، ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވެސް ޓެންޑާ މަރުޙަލާގައިވާ ކަމަށާއި، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކުރަން އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން ޕްރޮޖެކްޓްގެ ސަބަބުން އެހީއަކަށްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަ ކުރެެއްވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރަސްދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އިތުރު މަސަައްކަތް ކުރަން އެބަހުރި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑިވަރު ފިނޮޅުގެ މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.