ނަޝީދަށް ދިން ހަމަލާ: ނާޒިމް، ފަހްމީ، އަދި ހައިޝަމް ދައުވާ އަށް އިންކާރުކޮށްފި

ނަޝީދަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ބުނި މީހުން ---

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އިތުރު ތިން މީހަކު ދައުވާ އަށް އިންކާރުކޮށްފިއެވެ.

މިއަދު ކުރިޔަށް ގެންދިޔައީ ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އަދި މ. ކުދެހިގެ އިސްހާގަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވާ ފަހުމީގެ މައްޗަށް ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރަލީ ކަމަށް ތުހުމަތު ކުރެއެވެ. ނާޒިމަށް ތުހުމަތު ކުރަނީ ބޮން ގޮއްވުމަށް ބޭނުންކުރި ރިމޯޓު އެ ބޮން ގޮއްވާލި އަދުހަމް އަށް ދިން ކަމުގެ ތުހުމަތެވެ.

މިއަދުގެ އަޑުއެހުމުގައި ފަހުމީ އާއި ނާޒިމް އަދި ހައިޝަމް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ. ނަމަވެސް އިސްހާގުގެ ވަކީލު ވަނީ ދައުވާއާ ގުޅިގެން އިސްހާގާއި އިތުރު މަޝްވަރާ ކުރުމަށްފަހު ދައުވާ އަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ދެއްވުމަށް އެދުނެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލާގައި ހިމެނޭ ހަމީހެއްގެ ބަންދާއި މެދު ގޮތެއް ވެސް ނިންމިއެވެ. ކޯޓުން ވަނީ އެތަނުން އެކަކުވެސް ބަންދުން ދޫކޮށްލެވޭނެ ތަނެއް ނެތް ކަމަށް ނިންމައިފައެވެ.

މި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީ އިން ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.