މާލެ އަތޮޅު މަސްވެރިން ރިއްމަސް ނަގާ ހާލިން މަހާޖައްރާފުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ!

މަހާޖައްރާފު/ ފޮޓޯ: އެމްޓީސީސީ

މާލެ އަތޮޅުގަ މަސްވެރިން އެންމެ ގަދަޔަށް ރިއްމަސް އަޅަމުން އަންނަ މަހާ ޖައްރާފް ވެލިނަގަމުން ދާތީ މަސްވެރިންދަނީ އެކަމުގެ ޝަކުވާ ކުރަމުންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާލެ އަތޮޅުގެ މަސްވެރިން އެންމެ ގަދަޔަށް ރިއްމަސް އަޅަމުން އަންނަ ހާލިން މަހާ ޖައްރާފް ވެލިނަގަމުން ދާތީ މިއީ ރާއްޖޭގެ މަސްވެރިކަމަށް ދެވޭ ބޮޑު ގެއްލުމެއްކަން ފާހަގަކޮށްފައެވެ.

ޝިފާއު ވަނީ ކަމާ ބެހޭ ފަރާތްތަކުން މިކަން ހުއްޓުވުމަށް އެދި ގޮވާލާފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އިތުރު ހަލުވި ކަމެއް ގެނައުމުގެ ގޮތުން، "މަހާ ޖައްރާފު" ބަންނަން ފަށާފައިވަނީ، 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ޑްރެޖަރު ބަނދެ ނިންމައި، 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވަނީ ބާލާފައެވެ.

މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޑްރެޖަރު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *