އޭސީސީ ކުރީގެ މެންބަރުންތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފި

މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ-މަޖިލިސް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރުންތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް އެކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވަމުގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުގެ ކުރީގެ މެންބަރުންތަކެއް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއްކަމާއި އޭސީސީގެ ކޮން މެންބަރުންތަކެއްގެ މައްސަލައެއް ކަމެއް ޝިއުނާ ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ގަމު ދާއިރާ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، މިދިޔަ ދައުރުގައި އޭސީސިގެ މުވައްޒަފުންނަށްވެސް އެެކި އެކި ނުފޫޒު އަންނަ ކަމަށް ތުހުމަތުކުރެވުނު ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ، އޭސީސީގެ މަސައްކަތަށް އުދަނގޫވާ ގޮތަށް ނުވަތަ ވަކި ފަރާތަކަށް ޖެހިގެން މަސައްކަތް ކުރާ އެއްވެސް ސްޓާފެއް އެ ކޮމިޝަނުގައި ނުހުންނާނެ ކަމަށާއި، އެ ކޮމިޝަނުން ކުރާ މަސައްކަތުގައި ކޮންމެ މައްސަލައެއް ބަލާފައިވެސް ތަހުގީގުގެ އެކި މަރުހަލާގައި މެންބަރުންނާ ހުރިހާ ކަމެއް ހިއްސާ ކުރެވެމުން ދާކަމަށެވެ.

ކޮމިޓީގައި އިތުރަށް ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވީ، މިހާރުވެސް 680 މައްސަލަ އެ ކޮމިޝަނުން ބަލަމުންދާކަމަށާއި، އިވެލުއޭޝަން މަރުހަލާގައި 328 މައްސަލަ އުޅޭ ކަމަށެވެ. އަދި ޖުމްލަ 1،000 އަށް ވުރެ ގިނަ މައްސަލަ އުޅޭ އިރު، 120 މައްސަލައަކީ ކޮމިޝަންގެ އިސްނެގުމަކަށް ބަލަމުންދާ މައްސަލަތައް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.