ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފޮޓޯ އާންމުކުރުމަކީ މިހާރު ކުށެއް

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ (އައިޝާ) / ފޮޓޯ- ރައީސް އޮފީސް

ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފޮޓޯ މީޑިޔާއެއްގައި ނުވަތަ މީސް މީޑިއާގައި އާންމުކުރުމަކީ މިއަދުން ފެށިގެން ޤާނޫނީ ކުށެއްކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ (އައިޝާ) ވިދާޅުވެއްޖެ އެވެ.

މިއަދުން ފެށިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލު ކުރަން ފަށާނެއެވެ.

މިކަމާއި ގުޅިގެން ޖެންޑަރ މިނިސްޓަރ އައިޝަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ފޮޓޯއާއި، މައުލޫމާތު އާންމުކުރުމަކީ އެޤާނޫނުގެ ދަށުން ކުށެއްކަން ވިދާޅުވެފައެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މި ގާނޫނަކީ އެންމެވެސް އަމަލުކުރަންޖެހޭ ގަނޫނެއް ކަމަށާއި އަދި މިއާއެކު ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.

މި ގާނޫނުގައި އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ނޫން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނާއި ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާއި މެދު ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ގާއިމްކުރެވޭ ނިޒާމެއްގެ ދަށުން އަމަލުކުރުމަކަށް ހުރަސް ނާޅާނެ ކަމަށްވެސް ގާނޫނުގެ 29ވަނަ މާއްދާގެ (ނ)ގައިވެއެވެ.

ކުޑަކުދިންނަކީ ބޮޑެތި މީހުންނާއި ހިލާފަށް ތަސައްރަފު ފުދިފައިވާ ބަޔަކަށް ނުވާތީއާ އަދި އެކުދިންނަކީ ގާނޫނުއަސާސީން ވަކި ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބައެއް ކަމަށް ބަޔާންކޮށްފައިވާތީ އެއްވެސް ކުޑަ ކުއްޖަކަށް މަރުގެ އަދަބު ދީގެން ނުވާނެ ކަމަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން އެ ކުއްޖަކަށް އުމުރުން 18 އަހަރު ފުރުނު ކަމުގައިވީ ނަމަވެސް 18 އަހަރު ފުރުމުގެ ކުރިން ކުއްޖާ ކޮށްފައިވާ ކަމަކަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައި އިތުރަށް ބުނެފައިވަނީ އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކަށް ސާބިތުވާ ހާލަތުގައި އެކުއްޖާގެ މައްޗަށް ކޮށްފައިވާ ހުކުމް، އެކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށްވުރެ ބޮޑުނޫން އަދަބަކަށް ބަދަލު ކުރަންވާނެ ކަމަށެވެ. ގާނޫނު ތަންފީޒުކުރާ އިދާރާއަކުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި އެފަރާތަކީ ކުޑަކުއްޖެއްކަން ނުވަތަ އުމުރުން 18 އަހަރުން މަތީގެ މީހެއްކަން ޔަގީން ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު އެއީ ކުޑަކުއްޖެއް ކަމުގައި ބަލާ މި ގާނޫނުން ލިބެންޖެހޭ މަންފާތައް ލިބިދޭންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނުގައި އެއްވެސް ކުއްޖަކަށް އެކުއްޖާ ދިރިއުޅެމުންދާ ގޭތެރޭގައިވެސް ނުވަތަ ތައުލީމުދޭ މަރުކަޒުގައިވެސް ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒުގައިވެސް ނުވަތަ އެކުއްޖާ ދިރިއުޅޭ އެހެން އެއްވެސް މާހައުލެއްގައިވެސް ރަހުމުކުޑަ ލާއިންސާނީ ނުވަތަ ލަދުގަންނާނެ ފަދަ އަދަބެއް ދީގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއްވެސް ކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަނިޔާ ކުރުމާއި ގޯނާ ކުރުމާއި އިހުމާލުވުމުގެ ޝިކާރައަކަށްވާ ކުދިން އަނބުރާ މުޖުތަމައާ ގުޅުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ފަރުވާ ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެއެވެ. އެ ކައުންސިލަށް މެންބަރުން އައްޔަންކުރައްވާނީ ވެސް އަދި ވަކި ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައި ބުނެފައިވަނީ މި ކައުންސިލް ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރަށް ކަމަށެވެ. ބިލުގައި މިނިސްޓަރުކަމަށް ބަޔާންކޮށްފައިވަނީ ޖެންޑާ މިނިސްޓަރަށެވެ. ކައުންސިލްގެ އިދާރީ ހިންގުން ބަލަހައްޓަން ވާނީ ވެސް ޖެންޑާ މިނިސްޓްރީންނެވެ.

މި ކައުންސިލަކީ ހަތް ބޭފުޅުންގެ މައްޗަށް އެކުލަވާލަން ޖެހޭ ކައުންސިލެކެވެ. އެގޮތުން މިކައުންސިލްގައި ތިއްބަވާނީ ޖެންޑާ މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ހެލްތު މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ފުލުހުންގެ މުއައްސަސާގެ ބޭފުޅަކާއި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ބޭފުޅަކާއި، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ކަނޑައަޅާ ބޭފުޅެއްގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކުގެ ތެރެއިން ދެ ބޭފުޅެކެވެ.

މި ކައުންސިލްގެ ރައީސާއި ނާއިބް ރައީސްއަސް ބޭފުޅަކު އައްޔަން ކުރައްވާނީ ވެދސް ރައީސުލްޖުމްހޫރިއްޔާއެވެ. މިއިން އެއްވެސް ބޭފުޅަކު ކައުންސިލުން އިސްތިއުފާ ދެއްވައިފި ނަމަވެސް 30 ދުވަހުގެ ތެރޭގައި ކައުންސިލަށް އިތުރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނެއެވެ.

ގާނޫނު ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ހާއްސަވެގެން މަސައްކަތް ކުރާނެ އިދާރާއެއް “ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް”ގެ ނަމުގައި އުފެދިގެންދާނެއެވެ. މި އިދާރާއަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގާނެ ސަރުކާރުގެ އިދާރާއެކެވެ.
މި އިދާރާއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނީ އެވަގުތެއްގައި ހުންނަވާ ޖެންޑާ މިނިސްޓަރެވެ.

ސަތޭކަ ތިރީސް ތިން މާއްދާގެ މައްޗަށް އެކުލަވާލާފައިވާ މި ގާނޫނުގެ ދަށުން ޗިލްޑްރަން އޮމްބަޑްޕާސަނެއް ހުންނަންޖެހެ އެވެ. އެއީ މިނިވަން މުސްތަގިއްލު އޮމްބަޑްޕާސަނަކަށް ވާންޖެހެ އެވެ. އަދި އޮމްބަޑްޕާސަނެއް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

މިމަގާމަށް އައްޔަންކުރައްވާ ބޭފުޅަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ރައީސުލްޖުމްހޫރިއްޔާ އެވެ. އޮމްބަޑްޕާސަނެއް އައްޔަންކުރައްވަން ބޭނުންވާ ފަހަރެއްގައި އެއް ނަމަށް ވުރެ ގިނަ ނަން މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެހެންކަމުން މި ގާނޫނު ތަސްދީގު ކުރައްވާތާ 60 ދުވަހުގެ ތެރޭގައި އޮމްބަޑްޕާސަނެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަންޖެހެއެވެ.

ހަމައެއާއެކު މަޖިލީހަށް ނަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ނަމެއް ފާސްކުރަންވެސް ޖެހެއެވެ. އޮމްބަޑްޕާސަނުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އަދި ތަހުގީގުތަކާއި ގުޅޭ ގޮތުން ޖަވާބުދާރީވާންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އޮމްބަޑްޕާސަނެއްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.