މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާ އެކީ އުނގެނޭ ތައުލީމެއް: ރައީސް

ދ. ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާއި އެކީ އުނގެނޭ ތައުލީމެއް ކަމަށާއި މަސައްކަތާއި ތައުލީމަކީ ވަކި ދެ އެއްޗެއްގެ ގޮތުގައި ނުންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ދ. ރިނބުދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް އެ ރަށު ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވަޑާންކުރުމާއި އޮޑި ދޯނި ފަހަރު ބަނުމާއި ގެދޮރު އިމާރާތް ކުރުމަކީވެސް މިއަދު ތައުލީމާއި ނުލާ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވަކި ގްރޭޑަކާއި ހަމައިން ދަރިފުޅު ވަކިކުރާ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށާއި މިއަދަކީ އިލްމު އެކަނި އުނގެނޭ ޒަމާނެއްވެސް ނޫން ކަމަށެވެ. އެގޮތުން މިއީ މަސައްކަތްވެސް ދަސްކޮށްދޭން ޖެހޭ ޒަމާނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު އިމާރާތް ކުރުންވެސް، މިއިން ކޮންމެ މަސައްކަތަކީ، އިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްގީކޮށްފައިވާ މަސައްކަތެއް. މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން،" ރައީސް ވިދާޅުވިއެވެ.

މިޒަމާނުގެ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތައުލީމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސްކޫލް މަރުހަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ވަށައިޖެހޭ ތައުލީމެއްގެ މައިގަނޑު އަސާސަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. މި ހޯލުގައި މިތިބަ ދަރިވަރުންގެ ތެރޭގައިވެސް، ތަފާތު ފަންނުތަކާއި، ތަފާތު ހުނަރުތައް ލިބިފައި ތިބި ކުދިން ތިބޭނެ. އެކަން އެންމެ ބޮޑަށް ދެނެގަނެވޭނެ ބަޔަކީ، އެކުދިންގެ ބެލެނިވެރިންނާއި މުދައްރިސުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރި ކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ސާނަވީއާއި މަތީ ސާނަވީ ތައުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ކިޔެވޭނެ ފުރުސަތު ހަމަޖައްސައިދިނީ، އެ މުހިންމު މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަދަރުސާގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުހަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތައުލީމް ހާސިލުކޮށް، ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *