ދައުލަތުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްވެސް އޭސީސީން ރަނގަޅަށް ބައްލަވާނެ ކަމަށް ޔަގީންކުރަން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާއެއްގައި -- ފޮޓޯ / މަޖިލިސް

ދައުލަތުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ގާތުން ބަލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި ޓިކެޓަށް ހަރަދުކުރެއްވި ފައިސާގެ ތެރެއިން 444 ރުފިޔާއަކީ އެމަނިކުފާނު އިތުރަށް ކުރެއްވި ހަރަދެއްގެ ގޮތުގައި ބަލައި އެ ފައިސާ ހޯދަން މަޖިލީހުގެ އިދާރާއަށް އޭސީސީން އަންގާފައި ވަނިކޮށެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް ގާތުން އެ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އޭސީސީން އަންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި އޮތް “ދެކުނު މަހާސިންތާ” ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަަރަދު ކޮށްފައިވަނީ 1222 ރުފިޔާ ކަމަށެވެ. އަދި މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރަީސް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުން ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

“ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ދަތުރު ކުރާ އަގުތަކަކީ 1222 ރުފިޔާ ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާ ޕްރޮގްރާމުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު މި ކޮމިޝަނަށް އެންގުމަށް ތިޔަ އިދާރާއަށް [މަޖިލިސް އިދާރާ] އަންގަމެވެ،” ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައިވެއެވެ.

މިކަމާއި ގުޅިގެން ނަޝީދު ވަނީ އެ ފައިސާ މެންބަރުން ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *