ދ. ރިނބުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެރަށު ކައުންސިލަރުން އެދިއްޖެއެވެ.

ރައީސް ސޯލިހު ރިނބުދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެރަށު ކައުންސިލަރުންނާއި ކައުންސިލް އިދާރާގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރިނބުދޫގެ ތަރައްގީއަށް ރާވާފައިވާ މުހިންމު މަޝްރޫއުތަކާއި ރަށުގެ ރައްޔިތުންނާ މުއައްސަސާތަކުގެ ކަންބޮޑުވުން ހުރި މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ، ރިނބުދޫގެ ރައްޔިތުން އެންމެބޮޑަށް އެދެމުން ދިޔަ އެއް މަޝްރޫއު ކަމަށްވާ ބަނދަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން މިހާރުކު ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސުނާމީއާ ގުޅިގެން ރަށުން އެހެން ރަށްރަށަށް ބަދަލުވި މީހުންނާއި ވަގުތީގޮތުން ރަށުގެ އެހެން ތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތި މައްސަލަ ތަކުގެތެރެއިން އަދިވެސް ހައްލު ނުލިބިވާ ގެދޮރާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން ވެސް ރިނބުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ވަނީ އެކި މުއައްސަސާތަކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ކަންކަމާއި މިހާރު ހުރި ދަތި މައްސަލަތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފަދަ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަ ކުރުމާއި ސިއްހީ މަރުކަޒަށް އިތުރަށް ބޭނުންވާ އެހެނިހެން ކަންކަން ސިއްހީ މަރުކަޒުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި ރިނބުދޫ ސްކޫލާއި ފެނަކަ އޮފީހުގެ ފަރާތުން ވަނީ ރިނބުދޫ ސްކޫލަށް ޖާގައިތުރުކުރުމާއި ރަށުގެ ފެނަކަ އޮފީސް އިމާރާތާއި އަދި ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫ ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި އަދި ހައްލުނުވެ ހުރިކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.