އައްޑޫ ކުރީގެ މޭޔަރު ސޯބެއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

އައްޑޫ ސިޓީގެ މޭޔަރު ސޯބެ: އައްޑޫގެ މޭޔަރުކަން 10 އަހަރު ކުރެއްވި-- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދު ސާދިގު (ސޯބެ)އަށް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރުކަން ސޯބެއަށް ދެއްވުމަށްފަހު، ރައީސް ސާލިހު ވަނީ އޭނާއާ ވަކިން ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސޯބެ ވަނީ 2011 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މެއި މަހުގެ ނިޔަށް އައްޑޫގެ ސިޓީގެ މޭޔަރުކަން ކުރައްވާފައެވެ. މޭޔަރުކަމުގައި ހޭދަ ކުރެއްވި 10 އަހަރު އޭނާ ވަނީ އައްޑޫ އާއި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ސަރަހައްދީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.