މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ، އެކަން ރައީސަށް އެނގޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: ފޮޓޯ / ސަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށާއި އެކަމަކީ ހުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެނގިވަޑައިގެން ކުރައްވާ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މަގާމުން ވަކި ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް އާއްމުކޮށް އެއްޗެއް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ވަނީ ނިޒާމްގެ ތެރެއިން ގެއްލުވާލާފައި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެކަން ރައީސްއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ސޯލިހު ރޭ ޝަރުއީ ދާއިރާގެ ގަޟާއީ އަހަރު އިފްތިތާހު ކުރެއްވުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މި ހަލްފާގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް، ސަރުކާރުން ނުކުރާނެ ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ދައުލަތް ހިނގަމުން މި އަންނަނީ، ދައުލަތުގެ ތިން ބާރަށް ޤާނޫނުއަސާސީން ކަނޑައަޅައިދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ސަރުކާރުން ރައްޔިތުން ގާތު ވައުދުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ ފަނޑިޔާރުގެއެއް ގާއިމުކޮށްދިނުމަށް ކަމަށާއި ސަރުކާރު ކުރިއަށް ގެންދަނީ އެ ވަޢުދުގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ފަނޑިޔާރުގެ އިސްލާޙު ކުރުމަށް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި އަދިވެސް ކުރަން ހުރި ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ކަމުން ޑރ. ދީދީ ވަކި ކުރެއްވީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *