ކޮވިޑް-19: އީރާނުންވެސް ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ޗައިނާގެ ބައެއް ފަތުރުވެރިން އީރާނަށް ދަތުރުކޮށްފައި/ ފޮޓޯ- ވޮއިސް އޮފް އީރާނިއަންސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް- 19 އީރާނުގެ ދެ މީހަކަށް ޖެހިއްޖެއެވެ.

އިރާނުގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހުންވެސް އީރާންގެ ސިޓީއެއް ކަމަށްވާ ކޫމްގައި ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ ދެ މީހުންނަކީ އެ ބައްޔަށް ޝައްކު ކުރެވިގެން އެކަހެރި ތަނެއްގައި ބައިތިއްބައިގެން ފަރުވާދެމުންދިޔަ ދެ މީހުން ކަމަށެވެ. އަދި އިތުރު މީހުންގެ ޓެސްޓުތައް ވެސް ލެބޯޓްރީ އަށް މިހާރު ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިއީ އީރާނުގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި ފުރަތަމަ ދެ މީހުންނެވެ. ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ކޮން ގައުމެއްގެ ބައެއް ކަމަށް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.

އިރާނުން ވަނީ އެ ގައުމަށް ސަލާމަތީ ފިޔަވަޅު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ ގައުމުގެ އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެގޮތުން އެގައުމަށް ދަތުރުކުރާ ފްލައިޓްތަކުގެ ފަސިންޖަރުން ރަނގަޅަށް ޗެކްކޮށް ވީހާވެސް ބޮޑަށް މި ވައިރަސް ނުފެތުރޭނެ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އެއާޕޯޓުގައި ވަނީ ވަރުގަދަ ކޮށްފައެވެ.

ކޮވިޑް- 19 ފެތުރެން ފެށީ ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ވައިރަހަށް މިހާތަނަށް 75،000 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މި ވައިރަސް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު 2،000 އަށް ވުރެން މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޗައިނާއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *