މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ފަސޭހަކަމާއެކު އަމްރު ނަގައިފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު: ފޮޓޯ / މިހާރު

އެމްޑީޕީގެ އެތެރޭގެ އެންމެ ވަރުގަދަ އެއް އިންތިހާބު ކަމަށްވާ ދާއިރާތަކުގެ އިންތިހާބުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލެއްވި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އަހްމަދު ރަޝާދު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވައިފިއެވެ.

އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަމްރު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދާއިރާގެ ގިނަ އަދަދެއްގެ ރަށްތަކަށް އަމްރު ވަނީ ދަތުރު ކުރައްވާފައެވެ. އަމްރު އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އަމްރު އާއެކު އެ ދާއިރާ އަށް ވާދަކުރެއްވީ ތައުފީގެވެ.

އަމްރުގެ ސިޔާސީ މަސައްކަތަށް ނިކުންނެވީ 2007ވަނަ އަހަރުއެވެ. އެ އަހަރުގެ ތެރޭގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ ވޯޓުގެ ކެމްޕެއިންގައި އަމްރު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އަދި ޖެހިގެން އައި 2008ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް އަމްރު ވަނީ ގިނަ މަސައްކަތްތައް ކުރައްވާފައެވެ. އެ ހުރިހާ މަސައްކަތެއް އަމްރު ކުރައްވަމުން ގެންދެވީ މެލޭޝިއާގައި ހުންނެވި ދުވަސްވަރުއެވެ.

އަމްރު ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޓްރޭޑް ޕޮލިސީގެ އޮފީހުގައި މަސައްކަތް ކުރައްވާފައެވެ. އަދި 2010ވަނަ އަހަރު އެމްޓީސީސީ އަމްރުއާ ހަވާލު ކުރެއްވިއެވެ. އެތަން އޭރު އޮތް އިގްތިސޯދީ ހާލަތުން ކޮޅަށް ނެގުމަށް އަމްރު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އަމްރު އަންނަނީ މިހާރުވެސް އެސްޓީއޯ އަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދެމުންނެވެ. އަދި އެ ކުންފުނީގެ ފައިދާ އިތުރު ކުރުމުގެ ގިނަ މަސައްކަތްތަކެއް އަމްރުގެ ލީޑާޝިޕުގެ ދަށުން އަންނަނީ ކުރަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.