އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގްސްޓާރު ގޯގީ، ކޯޓުގައި ހުއްޓާ މަރާލައިފި

ޖިތެންދްރަ ގޯގީ ކޯޓު ރޫމުގައި ހުއްޓާ ބަޑި ޖަހާ މަރާލާފައި ---

އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގްސްޓާރުންގެ ތެރޭގައި ހިމެނޭ ޖިތެންދްރަ ގޯގީ ކޯޓު ތެރޭގައި ބަޑިޖަހާ މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަރާލާފައި ވަނީ ދިއްލީ ކޯޓަކަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ގެންދިޔަ ވަގުތެއްގައެވެ. އަދި އޭނާ މަރާލީ ވަކީލެއް ކަމަށް ހެދިގެން ހުރި މީހަކާއި އިތުރު އެހެން މީހަކު ވެގެން ކަމަށްވެސް ބުންޏެވެ. އަދި އެމީހުންނަކީ އެހެން ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބަޑި ޖެހި މީހުންގެ ގަޔަށް އެވަގުތު އެތަނުގައި ތިބި ފުލުހުން ބަޑިޖެހި ކަމަށްވެއެވެ. އަދި އެ ދެ މީހުން މަރުވި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

މި ހާދިސާ އާއެކު ދިއްލީ ކޯޓުގެ ސެކިއުރިޓީއާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ބަޑި ޖެހި ވަގުތު ކޯޓު ރޫމުގައި ބައެއް މީހުން ތިބި ކަމަށްވެސް އޭއެފްޕީއާ ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ.

ގޯގީ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މަރުގެ މައްސަލައަކާއި ގުޅިގެންނެވެ. އޭނާ އަކީ އެހެން ގޭންގުތަކުގެ ޓާގެޓެއް ކަމަށް އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީން ރިޕޯޓު ކޮށްފައިވެއެވެ.

ގޭންގްސްޓާރެއްގެ ގޮތުގައި އޭނާ އުޅެމުން ދަނީ ވަރަށް ޅަ އުމުން ފެށިގެން ކަމަށާއި އޭނާ އަކީ ބޮޑެތި މަރުތަކުގެ ފަހަތުގައިވާ މީހެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.