ވަކި ބަޔަކަށް ޓާމިނަލް ހިންގުމަށް ކުރީ ސަރުކާރަކުން ނާންގާ: އިދިކޮޅު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވު،ުގެ ތެރެއިން/ ފޮޓޯ:-ޕީޕީއެމް

ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ވަކި ބަޔަކަށް ހިންގުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކުން އަންގާފައިނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގަިއ ބުނެފައިވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއޭސީއެލުން ތަރައްޤީކުރި ޓާމިނަލް ވަކި ބަޔަކަށް ވަކި އަގެއްގައި ދިނުމަށް އެއިރު ސަރުކާރުން އިރުޝާދު ދިން ކަމުގައި މިހާރުގެ ސަރުކާރުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެވާހަތަކެއް ކަމަށެވެ.

އަދި ކުރީ ސަރުކާރުގެ ބޮލުގައި ސީޕްލޭން ޓާމިނަލްގެ ކަންތައް އަޅުވައިގެން އުޅެނީ މިސަރުކާރުގެ ދެއުޅިއެއްނުވާ އިޤުތިޞާދީ ސިޔާސަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމުގައިވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އަދި މިސަރުކާރުގެ ބޭނުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރައިލުމަށް މަސައްކަތްކުރުން ކަމުގައިވެސް ޕްރޮގްރެސިވް ކޯލިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި މަސައްކަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ބަލިކަށިވެފައިވާ އިޤުތިޞާދު ހަމަމަގަށް އަޅުވައި، ދިވެހިރާއްޖޭގެ އިޤުތިޞާދީ ޞިނާޢަތްތައް ޤައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނެވި ގޮތަށް ތަރައްޤީކުރުމަށް ކަމުގައެވެ.

ދިވެހިރާއްޖޭގެ އިޤުތިޞާދު ބައިނަލް އަޤުވާމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ކުރެޑިޓު ކުރެވުނީ ރައީސް ޔާމީނުގެ ވެރިކަމުގައިކަމަށްވެސް އެ ބަޔާނުގަިއ ބުނެފައިެ ވެއެވެ.

އަދި އެއްވެސް ޒަމާނެއްގައި ޢުމްރާނީ ތަރައްޤީއަށް ދީފައިނުވާ ސަމާލުކަން ރައީސް ޔާމީނުގެ ވެރިކަމުގައި ދީފައިވާނެ ކަމަށާއި، ވަޒީފާގެ ބާޒާރަށް ތިޔާގިކަން ގެނެސް، ދިވެހިރާއްޖޭގެ އިޤުތިޞާދު ހާމަކަންބޮޑު މާކެޓެއްގައި ބާޒާރުކުރުމުގެ މަސައްކަތްކުރެވިފައިވާނެ ކަމުގައިވެސް އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މިފަދައިން ބުނި ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ވެރިކަމާއި ހަވާލުވިއިރު އެމްއޭސީއެލްއިން ދިޔައީ ޓީއެމްއޭއާ އެކުގައި ވާހަކަދައްކަމުން ކަމަށެވެ. އަދި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް އެމްއޭސީއެލްއާ ޓީއެމްއޭ ގުޅިގެން ކުރިޔަށް ދިޔަ ކަމަށާއި އެކަން ހުއްޓުވީ މި ސަރުކާރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އެމްއޭސީއެލްގެ ފޯކަލް ޕޮއިންޓެއް ގޮތުގައި ސަރުކާރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހަމަޖައްސާފައިވާ ކަމަށާއި އެކަން ހުއްޓުވީ އެމަނިކުފާނު ކަމަށެވެ.

އަމީރު ވިދާޅުވީ އެމްއޭސީއެލާއި ޓީއެމްއޭ އިން އޭރު މަޝްވަރާކުރަމުން އައީ 10.35 ޑޮލަރަށް އަކަ ފޫޓެއްގެ ރޭޓުން މުޅި ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ކޮންޓްރޯލްކުރެވޭ ގޮތަށް 15 އަހަރަށް ދޭން ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭން ޓާމިނަލް ދޫކުރާނެ ގޮތެއް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ކަމަށްބުނެ އެމަނިކުފާނު ސޮއިކުރައްވާ 2018ވަނަ އަހަރުގެ ފަހުކޮޅު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތަށް އެކަން ކުރީ ޓާމިނަލް މަޝްރޫއުއަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫއަކަށް ވާތީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *