އަވަސް އަރުވާލައިގެން ޓީއެމްއޭއަށް ޓާމިނަލް ދޭން ކުރީގެ މެނޭޖުމަންޓުން އުޅުން: ފަޒީލް

އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސެން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުން -- ފޮޓޯ: މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދިނުމަށް ކުރީގެ މެނޭޖުމަންޓުން އުޅުނު ކަމަށާއި އަދި އެއްބަސްވުމުގައި ސޮއި ކުރުން ލަސްވުމުން އެކަން އަވަސް ކުރުމަށް އިރުޝާދުވެސް ދިން ކަމަށް އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް ވިދާޅުވެއްޖެއެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ދެމެދު ކުރެވިފައިވާ މަޝްވަރާތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ފަޒީލް މިއަދު ހާޒިރުކުރުމުން ފަޒީލު ވިދާޅުވީ 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު އެމްއޭސީއެލްގެ ބޯޑަށް ކަރުދާހެއް ހުށަހެޅުނު ކަމަށެވެ. އެ ކަރުދާހުގައި 31،000 އަކަމީޓަރުގެ ސަރަހައްދެއް ޓީއެމްއޭއަށް ދިނުމަށް ލިޔެފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ލައުންޖު އޭރިއާގެ އިތުރުން އެމްއާރުއޯ އަދި ސަޕޯޓު ފެސިލިޓި ހިމެނޭ ކަމަށް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ އެކަމާއި ގުޅިގެން އެމްއޭސީއެލްގެ ފަރާތުންވެސް ޓީއެމްއޭއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އޭރު އެމްއޭސީއެލްއިން އެ ސިޓީ ފޮނުވީ ޑިޕާޓުމަންޓުތަކުގައި މަޝްވަރާވެސް ކުރެވިގެން ކަމަށާއި ސިޓީ ފޮނުވުމުގެ ކުރިން އޭރު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދިލް މޫސާވެސް އެ ސިޓީ ފޮނުވުމަށް ހުއްދަ ދެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ އޭރު އެމްއޭސީއެލްއިން ދިޔައީ ޓީއެމްއޭއާ އެކުގައި ޑްރާފްޓު އެގްރީމަންޓެއް އެކުލަވާލުމަށް ކަމަށެވެ. އަދި ރެންޓަލް ފީ ފިޔަވާ ދެން ހުރި ހުރިހާ ކަންކަމަށް ދެ ފަރާތުން އެއްބަސްވެވޭނެ ގޮތަކީ ކޮބައިތީ ބަލަމުން ވެސް ދިޔަ ކަމަށް ފަޒީލް ވިދާޅުވިއެވެ.

"އެ މަސައްކަތް އެގޮތަށް ހިނގި އޮކްޓޯބަރު މެދެއްހައި ހިސާބަށް. އޭގެ ފަހުން އެކަންވެސް ހުއްޓުމަކަށް އައިސްފައި އޮތީ،" ފަޒީލް ވިދާޅުވިއެވެ.

ފަޒީޅް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަވާލުވުމާއި ހަމައަށް ވެސް މަޝްވަރާތައް ކުރަމުން ދިޔަ ކަމަށެވެ. ނަަމަވެސް ކުއްލިއަކަށް އެ މަޝްވަރާތައް މާ ދިގުލައިގެން ހިނގައްޖެ ކަމަށް އޭރުވެސް އެމްޑީގެ މަގާމުގައި ހުންނެވި އާދިލް މޫސާ ވިދާޅުވި ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެގްރީމަންޓުގައި ސޮއިކުރުން އަވަސް ކުރުމުގެ އިރުޝާދުވެސް އާދިލް މޫސާ ދެއްވި ކަމަށް ފަޒީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓީއެމްއޭއާ އެކުގައި ބޭއްވި ގިނަ މަޝްވަރާ ބައްދަލުވުންތަކުގައި އާދިލް މޫސާވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އޭގެތެރެއިން އެއް ބައްދަލުވުމެއްގައި މިހާރު މަޝްވަރާތައް ފުދޭވަރަކަށް ދިގުލައިގެން ގޮސްފި ކަމަށް އާދިލް މޫސާ ވިދާޅުވި ކަމަށާއި އަލުން ޓާމްސްތައް ރިވިއު ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ފަޒީލް ވިދާޅުވިއެވެ.

"އެގްރިމެންޓުގައި ވީހާވެސް އަވަހަކަށް ސޮއިކުރަން ތިމަންނަމެން ބޭނުމޭ. އެންމެ ފަހުން އެގޮތަށް ވިދާޅުވީ ނޮވެމްބަރު މަހުގެ ފުރަތަަމަ ހަފްތާ،" ފަޒީލް ވިދާޅުވިއެވެ.

ސަރުކާރުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ވަކި އޮޕަރޭޓަރަކަށް އެތަން ހިންގުން ހަވާލު ކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ އެކަމުގައި ސަރުކާރަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެމްއޭސީއެލްއިން ކުރިޔަށް އޮތް ދެ އަހަރު ދުވަހު ވެސް ޓާމިނަލް ހިންގާނެ ކަމާއި އެތަން ވަކި އޮޕަރޭޓަރަކަށް ދޫ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި އެ ދެ ބޭފުޅުންވެސް ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ސަރުކާރަށްވެސް އަދި އޮޕަރޭޓަރުންނަށްވެސް އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *