ލީކުވި ފަނޑިޔާރުންގެ އޯޑިއޯތަކުގެ ތަހުގީގު ބޭރުގެ ބަޔަކާއި ހަވާލުކުރަން އިދިކޮޅުން އެދިއްޖެ

އޯޑިއޯ ލީކުވި ތިން ގާޒީން ---

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މަނީ ލޯންޑަރިންގެ މައްސަލާގައި ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް އިއްވި ހުކުމާއި އަދި އޭރު ކްރިމިނަލް ކޯޓުގައި ހިނގާދިޔަ ޝަރީއަތްތަކާއި ގުޅޭ ގޮތުން އެ ކޯޓުގެ ބައެއް ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ވާހަކައިގެ އޯޑިއޯ ލީކުވެފައި ވާތީ، އެ އޯޑިއޯތަކުގެ ތަހުގީގު ބޭރުގެ ބަޔަކާއި ހަވާލުކޮށްގެން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިއަދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން ފުލުުހުންގެ އިސްވެރިންތަކަކާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އަމިއްލަ ބަޔަކާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދާ ތަހުގީގަކީ އެންމެ ރަނގަޅަށް ކުރިޔަށް ދާނެ ތަހުގީގެއް ކަމެއް ގަބޫލުނުކުރާނެ ކަމަށް ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުގައި މިހާރު ކުރިޔަށްދާ އިސްތިއުނާފު ޝަރީއަތްތައް ދަށު ކޯޓުގެ ހުކުމާއި އެއްގޮތަށް ނިމިއްޖެ ނަމަ އަދި އޭގެކުރިން އޯޑިއޯތަކުގެ ތަހުގީގު ނިމިއްޖެ ނަމަ އެކަން ވެގެން ދާނީ ރައީސް ޔާމީނަށް ލިބިގެންދާ ބޭއިންސާފަކަށް ކަމަށެވެ. އަދުރޭ ވިދާޅުވީ ބޭރުގެ ފަރާތެއްގެ އެހީތެރިކަން ހޯދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށެވެ. އެ މަސައްކަތް މިއަދުން ފެށިގެން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވިއިރު ލީކުވި އޯޑިއޯތަކުގައި އޭގެތެރޭގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯވެއެވެ.

އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު އަދި ގާޒީ އަލީ އާދަމުގެ އޯޑިއޯއެވެ. އެ ތިން އޯޑިއޯ ކްލިޕުގައި ވެސް ދައްކަވާފައި ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާ ގުޅޭ ވާހަކައެވެ. އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އަދި މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަމަށް އެ ފަނޑިޔާރުންނާއި ހަވާލާދީ ޖޭއެސްސީން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.