އަންހެނަކާއެކު ދެ މީހަކަށް އައްޑޫގައި އަނެއްކާވެސް ޒަހަމް ކޮށްލައިފި

އައްޑޫގައި މީގެކުރިން މީހެއްގެ ގަޔަށް ވަޅި ޖެހި ސަރަހައްދެއެް ފުލުހުން ބަންދު ކޮށްފައި: ފޮޓޯ / ހަތާވީސް

އައްޑޫ ސިޓީގައި މިރޭ އަންހެނަކާއެކު ދެ މީހަކަށް އަނެއްކާވެސް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 20:05 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި އަނިޔާވި އަންހެން މީހާ އަކީ ނަރުހެކެވެ. އަދި އެމީހުންނަށް ހަމަލާ ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައެވެ. އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ހަތާވީސް" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އަދި ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބޭ ކަމަށެވެ.

މިއަދުވެސް އައްޑޫ ސިޓީގައި މެންދުރު 12:05ހާއިރު ވަނީ މާރާމާރީއެއް ހިންގާ މީހަކު ޒަހަމް ކޮށްލައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.