ސަރުކާރުން ބުނަނީ ޓާމިނަލް މައްސަލާގައި ނިންމީ އެންމެ އިންސާފުވެރި ނިންމުން ކަމަށް!

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު : ފޮޓޯ / މަޖިލިސް

މައްސަލަ ބޮޑުވެފައިވާ އާ ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ވަކި އޮޕަރޭޓަރަކަށް އެތަން ހިންގުން ހަވާލު ކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ އެކަމުގައި ސަރުކާރަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެމްއޭސީއެލްއިން ކުރިޔަށް އޮތް ދެ އަހަރު ދުވަހު ވެސް ޓާމިނަލް ހިންގާނެ ކަމާއި އެތަން ވަކި އޮޕަރޭޓަރަކަށް ދޫ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި އެ ދެ ބޭފުޅުންވެސް ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ސަރުކާރަށްވެސް އަދި އޮޕަރޭޓަރުންނަށްވެސް އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން އެއްވެސް ވަރަކަށް ވަކި އޮޕަރޭޓަރަކަށް ފައިދާ ނުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނީ އެމްއޭސީއެލްއަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެތަން ހިންގައިގެން ދައުލަތަށް އަހަރެއްގެ މައްޗަށް 33.7 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ދެ އަހަރު ފަހުން 47.3 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކަމުގައި ސަރުކާރާއި އެންމެ ފުރަތަމަވެސް ހަވާލުވެ ނިންމީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮަތަކަށް އެކަން ނިންމުން ކަމަށެވެ. އެގޮތުން ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް އެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ އެންމެ ފުރަތަމަ ވެރިކަމާއި ހަވާލުވުމަށްފަހު ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

"އަދި ރާއްޖެ އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ރާއްޖެ އަށް އޮންނާނެ ގޮތަކަށް ނިންމުން،" އަމީރު ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ޓީއެމްއޭއާ އެކުގައި ސޮއިކުރުމަށް މަސައްކަތް ކުރި

އަމީރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ވެރިކަމާއި ހަވާލުވިއިރު އެމްއޭސީއެލްއިން ދިޔައީ ޓީއެމްއޭއާ އެކުގައި ވާހަކަދައްކަމުން ކަމަށެވެ. އަދި އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް އެމްއޭސީއެލްއާ ޓީއެމްއޭ ގުޅިގެން ކުރިޔަށް ދިޔަ ކަމަށާއި އެކަން ހުއްޓުވީ މި ސަރުކާރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އެމްއޭސީއެލްގެ ފޯކަލް ޕޮއިންޓެއް ގޮތުގައި ސަރުކާރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހަމަޖައްސާފައިވާ ކަމަށާއި އެކަން ހުއްޓުވީ އެމަނިކުފާނު ކަމަށެވެ.

އަމީރު ވިދާޅުވީ އެމްއޭސީއެލާއި ޓީއެމްއޭ އިން އޭރު މަޝްވަރާކުރަމުން އައީ 10.35 ޑޮލަރަށް އަކަ ފޫޓެއްގެ ރޭޓުން މުޅި ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ކޮންޓްރޯލްކުރެވޭ ގޮތަށް 15 އަހަރަށް ދޭން ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭން ޓާމިނަލް ދޫކުރާނެ ގޮތެއް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ކަމަށްބުނެ އެމަނިކުފާނު ސޮއިކުރައްވާ 2018ވަނަ އަހަރުގެ ފަހުކޮޅު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެގޮތަށް އެކަން ކުރީ ޓާމިނަލް މަޝްރޫއުއަކީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫއަކަށް ވާތީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *