ކެމްޕެއިނަށް ކުރެއްވި ހަރަދުގެ ވާހަކައާ އެކު، ގާސިމް ރިޔާޒަށް "ކަލަ ގޮވައިފި"

ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒުގެ ކެމްޕެއިނަށް ކުރެއްވި ހަރަދުގެ ވާހަކަތަކާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާޒަށް “ކަލަ ގޮވައިފި”އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވަނީ ޖޭޕީ އަށާއި ގާސިމަށް އަމާޒުކޮށް ވާހަކަ ދައްކަވާތީ ރައްދު ދެއްވާފައެވެ.

"އެހެންވެގެންތޯ ރިޔާޒު ހޮވުނީ ފަސް ހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ދިރިއުޅުން ނަގާލާ ހިސާބަށް ގޮސް ބޮޑު ހަރަދުކޮށްގެން ހޮވައި ދިނީމަ އިހުލާސްތެރިކަމެއް ނެތިގެން ނިކުމެގެން ދިޔައީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރިޔާޒާއި ނާޒިމަށް އެމަނިކުފާނާ ދިމާލަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާ ދިމާލަށްވެސް އެއްޗެސް އެއްޗެއް ބުނުމުގެ ހައްގު ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މިއަދު ދައްކަމުން ގެންދާ ވާހަކަތަކަކީ އަމިއްލަ އެދުމާއި ހެދި ދައްކާ ވާހަކަތައް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަމިއްލަ އެދުމަށް ރައްޔިތުން ކޮންވިންސް ކުރުމަށްޓަކައި ދައްކާނެ ވާހަކައެއް ދައްކަނީ އެއީ މާ ތާހިރު ބައެއް ނޫނޭ އިނގޭތޯ، ތާހިރު މީހުން ނަމަ އެގޮތަށް ކަންތަކެއް ނުކުރާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވިލާ ކުންފުނިން މީހުންގެ އަތުން ދަރަނި ނެގުމަށްފަހު ފައިސާ ނުދައްކާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރުމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ވިލާ ކުންފުންޏަކީ މީހުން އަތުން ދަރަންޏަށް ފައިސާ ނެގުމަށްފަހު އެ ނުދައްކާ އުޅޭނެ ކުންފުންޏެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މިބުނާ މީސް މީހުން ހޮވައިދޭން އަޅުގަނޑު ނަގާފައި ހުރި ދަރަނި، ކްރައުން ކުންފުނީގެ ނަޒީރު އަތުން ނަގާފައި އެބަހުރި މިލިއަނެއްހާ ޑޮލަރު ނަގާފައި ނުދެވި. އަދިވެސް އެހެން ފަރާތަކުން އަޅުގަނޑު ބައިވެރިވާ ކުންފުންޏަކުން ނަގާފައި އޮތް މިލިއަން ޑޮލަރު ނުދެއްކިގެން މިއުޅެނީ. މި މީސް މީހުން ހޮވަން ވެގެން އަޅުގަނޑު ކުރި ހަރަދު އަޅުގަނޑު ނަގާފައި ހުރި ފައިސާ ދަރަންޏަށް. މިއީ ހަގީގަތް އޭނާ ނާޒިމް އަށްވެސް އެނގޭނެ. މިއީ ތެދު ވާހަކަ ކަން އޭނާ އަށްވެސް އެނގޭނެ،" ގާސިމް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ އޭނާއަށާއި ޖޭޕީއާ ދިމާލަށް އެވަރަށް ބަސް ބުނަމުން ދިޔައިރުވެސް އެއްވެސް އެއްޗެއް މިއަދު ނޫނީ ވިދާޅުވެފައި ނޯންނާނެ ކަމަށެވެ. މިއަދު އެފަދަ ވާހަކަތައް ދައްކަން ރިޔާޒު ލަދު ގަންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ތަނަކުން ތަނަކުން ނުޖެހޭ މީހެއް އިނގޭތޯ އަޅުގަނޑު ހީ ނުކުރަން އޭނައަކީ މިވަރުގެ ވިޔާނުދާ މީހެއް ކަމަކަށް. އެކަމަކު މިއަދު އެނގިއްޖެ އޭނާއަކީ އެއްވެސް ތަނަކުން ތަނަކުން ޖެހޭ މީހެއް ނޫންކަން. އެއްވެސް އަގެއް ނެތް މީހެއްކަން،" ގާސިމް ވިދާޅުވިއެވެ.

ރިޔާޒަކީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސިޔާސީ މަސައްކަތަށް ރިޔާޒު އެންމެ ފުރަތަމަ ނިކުމެވަޑައިގަތީ ގާސިމްގެ އެހީތެރިކަމާއެކުގައެވެ. އަދި ޖޭޕީ އަށް 2014ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުގެ ރޭ ރިޔާޒު ސޮއި ކުރެއްވުމާއެކު އެ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާއަށް ޖޭޕީގެ ފަރާތުން ވާދަ ކުރުމުގެ ފުރުސަތު ދެއްވިއެވެ.

ޖޭޕީ އަށް ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރިޔާޒު ވަނީ ޖޭޕީ އަށް ސޮއި ކުރެއްވީ ސިޔާސީ ދާއިރާއިން ކެރިއަރެއް ބޭނުންވާތީ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އޭރު އޮތް ސަރުކާރު ކޯލިޝަންގެ ކޮންމެ ޕާޓީއަކަށް ވެސް ގުޅުމުގެ ފުރުސަތު އޭނާ އަށް އޮތް ކަމަށެވެ. ނަމަވެސް ކޯލިޝަންގެ ތެރެއިން ކިނބިދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގަތީ ޖޭޕީ އަށްކަން ފާހަގަކުރައްވާ ރިޔާޒު ވަނީ އޭނާ ޖޭޕީއާ ގުޅިވަޑައިގެންނެވި ސަބަބު ހާމަ ކުރައްވާފައެވެ.

"ޖޭޕީއަށް އައުމަށް ވިސްނީ ޖޭޕީއަށް ކިނބިދޫ ދާއިރާގެ ކޯލިޝަން ޓިކެޓް ލިބުމުން. އަޅުގަނޑު ފުރަތަމަ ވިސްނީ ދާއިރާއަށް. ކިނބިދޫ ދާއިރާގެ ޓިކެޓް ލިބޭ ޕާޓީއަކާ ގުޅެން ވިސްނީ. އެއީ އެމްޑީއޭ ވިޔަސް، ޖޭޕީ ވިޔަސް، ޕީޕީއެމް ވިޔަސް،" މީގެ އަށް އަހަރު ކުރިން ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މިހާރު ވަނީ ޖޭޕީ އިން ވަކިވެވަޑައިގެންފައެވެ. އަދި ޖޭޕީގައި އޭނާއާއެކު މަސައްކަތް ކުރެއްވި ދަނގެތި ދާއިރާގެ މިހާރުގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާ އަދި މަޖިލީހުގެ އިތުރު ބައެއް މެންބަރުންތަކަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ހަފްތާގެ ބުދަ ދުވަހު 5،000 މެންބަރުންގެ ސޮއިއާއެކު އިލެކްޝަންސް އަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެޕާޓީން ވަކިވެވަޑައިގެން ރިޔާޒު އަންނަނީ ޖޭޕީއަށާއި ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެމްއެންޕީއަކީ ވަކި މީހެއްގެ ނުފޫޒުގެ ދަށުވެ، ކުޑަކަކޫ ޖަހާނެ ޕާޓީއެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނާޒިމަކީ ރައީސް ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި ދައުވާކޮށް ހުކުމް އިއްވިއެވެ. ޖަލުން މިނިވަންވެ ނާޒިމްގެ ސިޔާސީ ހަޔާތް އަލުން ފެށިއެވެ. އެފަހަރު ސޮއިކުރެއްވީ ޖޭޕީއަށެވެ. އެއީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުއެވެ. އަދި ޖޭޕީގައި މަސައްކަތް ކުރުމަށް ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށާއި އެއީ ޝަރަފެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ރިޔާޒު ފަދައިން ނާޒިމްވެސް އަންނަނީ ޖޭޕީ އަށާއި ގާސިމަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ކަލަ ގޮވަންޖެހުނީމަ ގޮވަންޖެހޭ! ކާންދިންމީހާ ނުދަނެ އެވަރު ހަރާންކޯރުވާކަަށް ނުވާނެ

  2. ވޯޓްގަންނަން 6 މިލިޔަން ރިޔާޒު އަށް ގާސިމް ދިން މައްސަލަ ބަލާފަ ގާސިމަށް ފިޔަވަޅު އެޅުމަށް ގޮވާލަން

    1. ޖޭ ވީ ދޯ. ދެން ހަލީމަ ދާންވީނު ދިވެހި ކިޔަވައި ދޭން. ޤާސިމު ވިއްޔާ ހުއްދަ ނޯންނަނީތަ އިނގިރޭސި ބަސް ބޭނުން ކުރުމުގެ. މީކީ ކުރީ ޒަމާނެއް ނޫނޭ ހަލީމާ. ހަލީމަ މެން ސޮނި ވެއްޓޭނެ ޤާސިމު ޖަރުމަނު ބަހުން ވާހަކަ ދައްކާލާއިރު. ޙަލީމަ އަށް ތި ހީވަނީ.

ހިޔާލު ދެއްވާ!

Your email address will not be published.