ފުރުވާލަން މަޖުބޫރުކުރުވީ ކަމަށް ވިދާޅުވެ، އާ ވާހަކަތަކެއް އަލީ ތިލަ ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ / މިހާރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކޯޓުން އަމުރު ކުރުމުން ވެސް އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ޝަރީއަތުގައި އިއުތިރާޒު ކޮށްފައިވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖ) އޮފީހުން ބުނެފައިވާ ވާހަކަ އަލީ ވަހީދު މިއަދު ދޮގުކުރައްވައިފިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު [ފެބްރުއަރީ 10ވަނަ ދުވަހު] އެކަމާއި ގުޅިގެން ޕީޖީ އޮފީހުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އަލީ ވަހީދަކީ މީގެކުރިންވެސް ޝަރީއަތަށް ހުރަސް އެޅޭ ގޮތަށް ގައުމު ދޫކޮށް ފިލާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެކަމަށް ބަލާފައިވެސް އަލީ ވަހީދުގެ ޕާސްޕޯޓު ދޫ ނުކުރުމަށް އިއުތިރާޒު ކުރި ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާއިރު އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކޯޓުން އަމުރު ކުރީ އެފަދަ މައްސަލަތަކުގައި މީގެކުރިން ކޯޓުން އަމަލު ކޮށްފައި އޮތް ގޮތާއި ހިލާފަށް ކަމަށް ޕީޖީ އިން ބުނެއެވެ. އެހެންކަމުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރީ ރަނގަޅަށް ނޫން ކަމަށް ބުންޏެވެ.

ނަމަވެސް އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޕީޖީ ތާއީދުކުރީ އޭނާ ބޭރަށް ފުރުވާލަން ކަމަށެވެ. ކޯޓުގެ ޝަރީއަތުގެ އޯޑިއޯ ރިކޯޑިން އިން އެކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އާ ޕާސްޕޯޓެއް ހަދާ ފުރަން މަޖުބޫރު ކުރުވީ އެރެއިން އެރެއަށް. ޖޭއެސްސީ ހިސޯރުކޮށްގެން ދެން މަސައްކަތް ފެށީ ފަނޑިޔާރު ހަވަރަށްދީ "ހަރާމް" ހުކުމެއް ކުރުވަން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްސަލައާ ގުޅިގެން ފުލުހުންް ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފުލުހުން އެދިފައިވާއިރު، ފުލުހުން އެދުނު ޕާސްޕޯޓު އަލީ ވަހީދު އޮތީ ކެންސަލް ކޮށްފައި ކަމަށާއި އެހެންކަމުން އެކަން ކުރުމަށް އެދިފައި ވަނީ "ކަމަކަށް ކަމެއް ކުރުމުގެ ގޮތުން ކަމަށް" ބުނެފައެވެ.

ހުކުމްގައި ބުނީ ފުލުހުން އެދިފައި ވަނީ މިނިސްޓަރު ކަމުގައި ހުންނެވިއިރު އަލީ އަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ކަމަށެވެ. ނަމަވެސް އެ ޕާސްޕޯޓު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކެންސަލް ކޮށްފައިވާ ކަމަށް ހުކުމްގައިވެއެވެ.

ހައިކޯޓުން ވަނީ ދައުލަތުން އަލީ ވަހީދުގެ މައްސަލާގައި އެކަށީގެންވާ ގޮތަކަށް ޒިންމާ އަދާ ނުކުރާ ކަމަށް ބުނެފައެވެ. ހުކުމްގައި ވަނީ އަލީ ރާއްޖެއިން ފުރާވަޑައިގަތީ އޭނާގެ އަމިއްލަ ޕާސްޕޯޓުގައި ކަމަށެވެ.

މީގެއިތުރުން އަލީ އަކީ ފިލާފާނެ ކަމަށް ބެލެވޭ މީހެއް ނޫން ކަމަށާއި އޭނާ އަކީ މިހާރު ވެސް ފިލާފައިވާ މީހެއް ކަމަށް ހައިކޯޓުގެ ހުކުމްގައި ބުންޏެވެ. އަދި ފުރުސަތު ބޮޑީ ދެން އެނބުރި ރާއްޖެ ނައުން ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ހައިކޯޓުގެ ހުކުމުން އޭނާއާ ދޭތެރޭ ދައުލަތުން ވެފައިވާ އިހުމާލު ދަލީލުކޮށްދޭ ކަމަށެވެ.

"ފޮތް ނުކިޔާކަން ޔަގީންވޭ. ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދައުލަތް ހަރާބު ވެއްޖެ. މައްސަލަ ބަލާ އޭނާ ވަކިކުރަންޖެހޭ. އޭނާ އަކީ ވަގު ފައިސާގެ ދިފާއީ ވަކީލު. މަގާމަށް ކުފޫ، އުންސުރު ހަމަނުވޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޔާމީނަށްވެސް ހަަދަންް އުޅުނީ އެހެނެއްނު ބޭރަށް ފުރުވާލަން. ތި މީހުން ހީކުރީ އަންނި ގޮތަށް ޖަލަށް ބިރުން ޔާމީނު ވެސް އެއްބަސް ވާނެ ކަމަށް

  2. އަލީ ވަހީދު ރޭޕްކުރި ހުރިހާއަންހެނުންގެ އަންނައުނު ހަތަރުއަހަރުދުވަހު ދޮވެ އިސްތިރިކުރަން ހުކުމް ކުރީމާ ރަގަޅުވާނެ! މިހެން މިދެންނެވީ އިންޑިޔާގެ ޕަޕެޓް ސަރުކާރަކަށް ދިވެހިސަރުކާރު ބަދަލުވެފާވާތީ!

ހިޔާލު ދެއްވާ!

Your email address will not be published.