އޭސީސީން ދައްކަން ބުނި ފައިސާ މެންބަރުން ދެއްކެވުމަށް ނަޝީދު އެދިވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާއެއްގައި -- ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި ޓިކެޓަށް ހަރަދުކުރެއްވި ފައިސާގެ ތެރެއިން 444 ރުފިޔާއަކީ އެމަނިކުފާނު އިތުރަށް ކުރެއްވި ހަރަދެއްގެ ގޮތުގައި ބަލައި އެ ފައިސާ ހޯދަން އޭސީސީން ގޮތް ނިންމައި، އެމަނިކުފާނު މަޖިލިސް އިދާރާއަށް ފައިސާ ދެއްކުމަށް އެންގުމުން، އެ ފައިސާ މެންބަރުން ދެއްކެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އޭސީސީން އަންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި އޮތް “ދެކުނު މަހާސިންތާ” ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަަރަދު ކޮށްފައިވަނީ 1222 ރުފިޔާ ކަމަށެވެ.

އަދި މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުގައި ބައިވެރިވީ އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުން ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ދެކުނު މަހާސިންތާ ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ރައީސް ނަޝީދު އަމިއްލަ ބޭނުމެއްގައި ފުވައްމުލަކާއި އައްޑުއަށް ވަޑައިގަތުމުން ޓިކެޓު ޚަރަދަށް އިތުރު 444 ރުފިޔާ އަރާފައިވާ ކަން ފާހަގަކޮށް އޭސީސީން ވަނީ އެފައިސާ ދެއްކެވުމަށް ރައީސް ނަޝީދަށް އަންގަވާފައެވެ.

ނަމަވެސް އެ ފައިސާ ދެއްކެވުމުގެ ބަދަލުގައި، ވަކީލުންނާއި އެހެނިހެން ބޭފުޅުން ހޯދުމަށް މާ ގިނަ ފައިސާ ހަރަދު ވާނެތީ ނަޝީދު ވަނީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ މަތިން އެ ފައިސާ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ބަދަލުގައި އެ ފައިސާ ދައްކަވާނީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.