ޓިކެޓަކަށް ނަޝީދު އިތުރަށް ހަރަދުކުރި 444 ރުފިޔާ ހޯދަން އޭސީސީން މަޖިލީހުގައި އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި ޓިކެޓަށް ހަރަދުކުރެއްވި ފައިސާގެ ތެރެއިން 444 ރުފިޔާއަކީ އެމަނިކުފާނު އިތުރަށް ކުރެއްވި ހަރަދެއްގެ ގޮތުގައި ބަލައި އެ ފައިސާ ހޯދަން މަޖިލީހުގެ އިދާރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އޭސީސީން އަންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި އޮތް "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަަރަދު ކޮށްފައިވަނީ 1222 ރުފިޔާ ކަމަށެވެ. އަދި މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރަީސް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުން ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ދަތުރު ކުރާ އަގުތަކަކީ 1222 ރުފިޔާ ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާ ޕްރޮގްރާމުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު މި ކޮމިޝަނަށް އެންގުމަށް ތިޔަ އިދާރާއަށް [މަޖިލިސް އިދާރާ] އަންގަމެވެ،" ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައިވެއެވެ.

ދެކުނު މަހާސިންތާއަކީ ހުވަދޫ، އައްޑޫ އަދި ފުވައްމުލަކު ކައުންސިލްތަކުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ މަހާސިންތާ އެކެވެ. ނަޝީދު ވަނީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފުވައްމުލަކާއި އައްޑޫއަށް ވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.