އިންތި ސަރުކާރަށް: ކައުންސިލް އިންތިހާބަށްފަހު، މާލެ ދޫކޮށްލީތޯ؟

އިންތިގެ މަޖިލިސް އިންތިހާބު ކެމްޕެއިން ޖަލްސާއަށް ރައީސް ސާލިހު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ސަލާމް ކުރައްވަނީ: އިންތި ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން-- ފޮޓޯ/ އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތައް ގެއްލިގެން ދިއުމުން "މާލެއަށް ވީ ގޮތް ބަލާލުމަށް" މާލެ ތަމްސީލު ކުރައްވާ މަޖިލިސް މެމްބަރުންނާއި މާލޭގެ ރައްޔިތުންނާ ސަރުކާރުން ބައްދަލު ނުކުރާތީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ކައުންސިލް އިންތިހާބަށްފަހު "މާލެ ދޫކޮށްލެއްވީތޯ؟" ވިދާޅުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި ވަނީ ސަރުކާރަށް ތަކުރާރުކޮށް ސުވާލު އަމާޒު ކުރައްވާފައެވެ.

"...މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. މާލެ ދޫކޮށްލެއްވިއްތޯ؟ މާލެ ކަހަލަ އެ ނޫން ވެސް ސަރަހައްދުތައް ދޫކޮށްލެއްވީތޯ؟ ދޫކޮށްލައްވައިގެން ދެން އަޅުގަނޑުމެންނަށް، އެމްޑީޕީއަށް ވެސް މި ސަރުކާރަށް ވެސް ލިބޭނެ ވަކި މޮޅެއް އެބަ އޮތްތޯ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެއް. އަޅުގަނޑަށް ނޭނގޭ ފަހަރުގައި އޮވެދާނެ ޖާދުލެއް ކަހަލަ މޮޅެއް. އެކަމަކު އަޅުގަނޑަކަށް ނުވިސްނޭ،" މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 12 ވަނަ އަހަރު ގުނުއްވަމުން ގެންދަވާ އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މާލެ ސިޓީގެ ގޮނޑިތައް ގެއްލުމަކީ ދުވަހަކު ވެސް ނުލިބޭނެވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އެ އިންތިހާބުގައި މާލެ ރައްޔިތުންނަށް "ވީ ގޮތް" ސަރުކާރުން ބަލާނުލާ ކަމަށް ފާހަގަކުރައްވައި އިންތި ވިދާޅުވީ އެމްޑީޕީގެ "މައި ވައުދު" ކަމަށްވާ ބޯހިޔާވަހިކަމުގެ ވައުދު ސަރުކާރަށް ފުއްދިފައިނުވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދައި އެމްޑީޕީން ރައްޔިތުންގެ ކައިރިއަށްދާނީ ކިހިނެއްތޯ އިންތި ސުވާލު ކުރެއްވިއެވެ.

"ސުވާލު އުފައްދަން މާ ގިނަ ވަގުތެއް އޮތީކީ ނޫން. މިއޮއް ނިމެނީ. އަނެއްކާ މި ވެރިކަމުގެ ދައުރު ނިމިގެން މިދަނީ. އެހެންވީމަ ދެން ސުވާލު އުފައްދަން ވެސް މާ ގިނަ ވަގުތު އޮތް ހެނެއް އަޅުގަނޑަކަށް ހީނުވާތީ މިކަންބޮޑުވުން މި ފާހަގަކޮށްލީ،" މާލޭގެ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ ވޯޓާ އެކު، ގޮނޑި ކާމިޔާބު ކުރައްވާ އިންތި ވިދާޅުވިއެވެ.

އިންތި އެ ވާހަކަތައް ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި މައްސަލައަކަށް ވާހަކަފުޅު ދައްކަވަމުންނެވެ. ބޮޑޭ ހުށަހެޅުއްވި މައްސަލާގައި ވަނީ މާލެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައިނުވާ ކަމުގައެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ހަ ގޮނޑިއެވެ. ޕީޕީއެމުން 11 ގޮނޑި އާއެކު މޭޔަރުކަމުގެ ގޮނޑި ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ޖޭޕީއަށް ވަނީ އެއް ގޮނޑި ލިބިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.