ބިލާލް ރާއްޖެ ގެންނަން ދެކޮޅު ހެދިއިރު އެންމެ ފުރަތަމަ ބިލާލް ރާއްޖެ އައީ ނަޝީދު ވެރިކަމުގައި!

(ކ-ވ) -- ޑރ. ބިލާލް ފިލިޕްސް އަދި ރައީސް މުހައްމަދު ނަޝީދު --

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ނުފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެން ދަރުހެއް ދެއްވާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައިކަން ހާމަވެއްޖެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ބިލާލް ވަޑައިގަތީ 2009ވަނަ އަހަރު ޖަމިއްޔަތުއް ސަލަފުގެ ދައުވަތަކަށެވެ. އެ ޖަމިއްޔާއިން ބިލާލް ރާއްޖެ ގެނައުމުގެ ހުއްދައަށް އެދުނީ އޭރުގެ އިސްލާމިކް މިނިސްޓްރީގައެވެ. ބިލާލް ރާއްޖެ ގެނައުމުގެ ހުއްދަ ދީ އަދި ޖަމިއްޔަތުއް ސަލަފުން ދީނީ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ޖަމިއްޔަތުއް ސަލަފަށް ސިޓީ ފޮނުވިއިރު އެ ސިޓީގައި އޭރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމުގެ ހުއްދައަށް ޖަމިއްޔަތުއް ސަލަފުން އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލަފަޔަކަށްވެސް އެދިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމުގައި އިއުތިރާޒެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ޔޫތު މިނިސްޓްރީން ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅެވެ. އެހެންކަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލާފައިވާ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.