ރިޔާސީ ބަޔާނަށް ޖަވާބުދާރީވުން އަންނަ ހޯމަ ދުވަހު

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ސިޔާސީ ޕާޓީން ޖަވާބުދާރީވުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ހުށަހެޅުމަށްޓަކައި އެކަން ތާވްލުކޮށްދިނުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެދިވަޑައިގެންފައިވާ ކަމަށާއި އެގޮތުން އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެކަން ތާވަލުކުރެވިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ދުވަހަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ދުވަސް ކަމަށެވެ. އަދި އެ ދުވަހަކީ "އެ ދުވަހު ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މަޖިލީސް އަޅުގަނޑު ހުޅުވާލާ ދުވަސް" ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. ރިޔާސީ ބަޔާން އިއްވި ދުވަހު ރައީސް ނަޝީދު ވިދާޅުވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަކީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޖެހިގެން އައި ދުވަހު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވަނީ ހަމަޖައްސާފައެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނެވި ސަލީމް އެ ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން ރައީސްގެ ޕާޓީ، އެމްޑީޕީ ފިޔަވައި މަޖިލީހުގައި ދެން ތިބި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށެވެ. މިއަދު ބާއްވާ ބައްދަލުވުމަކީ އެ ކަމަށް ބާއްވާ ބައްދަލުވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *