ބައެއް ބަދަލުތައް ގެނައުމަށް ނަފްސާނީ ސިއްހަތުގެ ބިލު އަނބުރާ ގެންގޮސްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

ނަފްސާނީ ބަލީގެ އެންމެހާ ކަންކަން ފޯރުކޮށްދިނުމުގެ ގޮތުން “ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު”ގެ ނަމުގައި ހާއްސަ މަރުކަޒެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ނަފްސާނީ ސިއްހަތުގެ ބިލު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ދަށުން އެ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި ބިލު އަނބުރާ ގެންދިޔައީ ބައެއް ބަދަލުތައް ގެނައުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ހާއްސަ މަރުކަޒު އުފެދުމާއި އެކު މިހާރު ރާއްޖޭގައި ނަފްސާނީ ބަލީގެ ކަންކަން ބަލަހައްޓާ އަދި ފޯރުކޮށްދެމުން އަންނަ ސެންޓާ ފޯ މެންޓަލް ހެލްތުގެ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާނީ ނަފްސާނީ ހިދުމަތުގެ ބިލުގައި ބަޔާންކޮށްފައިވާ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުންނެވެ.

ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރެއެރުވުމާއި ނަފްސާނީ ބަލިކަށް ފަރުވާގެ އެންމެހާ ކަންކަން ފޯރުވުމެވެ. އެގޮތުން ފަރުވާއަށް އަންނަ މީހުންގެ އެސެސްމަންޓު ޓެސްޓު ހެދުމާއި ފަރުވާގެ ކަންކަން ވިލަރެސް ކުރުމާއި ފަރުވާއަށް އަންނަ ފަރާތަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ މަސްއޫލިއްޔަތާއި ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ސެންޓަރުގެ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމަށްޓަކައި ހުންނަ ވެރިޔަކީ އެ ސެންޓަރު ނުވަތަ މަރުކަޒުގެ ޗީފް އެގްޒެކްޓިވްއެވެ. އެއީ ނޭޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑުން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ތަންފީޒު ކުރުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ ސެންޓަރުގެ އިދާރީ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމެވެ.

ބިލުގައި ބުނެފައިވަނީ ބިލު ފާސްވެ ގާނޫނަކަށް އަމަލުކުރަން ފަށާތާ އެއްމަސް ދުވަހުގެ ތެރޭގައި “ނޭޝަނަލް މެންޓަލް ހެލްތު ރިވިއު ބޯޑު”ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ. މި ބޯޑުން ކުރާ ހުރިހާ ކަމެއް ވިލަރެސް ކުރާނީ ހެލްތު މިނިސްޓަރެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ކަންކަން ވެސް ކުރާނީ މިނިސްޓަރެވެ. އަދި މުސާރައާ އިނާޔަތްތައް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ހެލްތު މިނިސްޓްރީންނެވެ.

މި ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. ބިލުގައި ބުނެފައިވަނީ ބޯޑުގެ މަސައްކަތްތައް ނުވަތަ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް އަދާ ނުކުރެވިއްޖެ ނަމަ އެ މެންބަރަކު މަގާމުން ވަކި ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

މި މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އެ މަގާމަކީ ސިވިލް ސާވިސްގެ ޑިރެކްޓަރު ޖެނެރަލް ފެންވަރުގެ މަގާމެކެވެ.

ސަރުކާރުން ބުނީ މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކޮށް އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ހަރަދުގައި ފަރުވާ ދެވޭނެ ނިޒާމެއް ގާއިމްކޮށް އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *